ޚަބަރު

ފައްޔާޒްގެ ހޫނު ރައްދެއް ޑިމޮކްރެޓްސްއަށް، ވިދާޅުވީ ލިބޭނީ 4 ވަނަ ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިއްސާއާއެކު އުފެއްދި ދަ ޑިމްކޮރެޓްސްއަށް ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ލިބޭނީ ހަތަރުވަނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާ އިރު، ރައީސް ނަޝީދުގެ ތާއީދާއެކު ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި، ދަ ޑިމޮކްރެޓްސްއާ އަމާޒުކުރައްވައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތް ކުރިއަށްއޮތް ޖީލުތަކަށް ގެންގޮސްދޭން ކުރާ މަސައްކަތަށް އެމްޑީޕީގެ ތެރެއިން ބަޔަކު ނުކުމެ މަސައްކަތްކުރަމުންދާތީ، އެކަމާ ރުޅި އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނާއެކު މަސައްކަތްކުރި ބަޔަކު އެކަން އަނބުރާ އޮތް އަނިޔާވެރިކަމަށް އިޔާދަކުރަން މަސައްކަތްކުރާތީ، އަމިއްލަ އެދުމުން ފުރިގެން އެކަން ކުރާތީ. އަޅުގަނޑު ދަންނަވާނީ ހެޔޮ ވިސްނުން ގެންނަވާށޭ، ވެރިކަން ނުލިބުނީމާ ނޫނީ ވެރިކަމުގެ ބޭނުމުގައި ނޫނީ ސަރުކާރުގައި ބޭނުންވާ ވަރަށް ބައިވެރިނުވީމާ އެއީ ދެން ތިބި ރައްޔިތުންނަށް އޭގެ ހަސްކާ ދޭން ޖެހޭ ކަމެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ވަކިވެގެން ގޮސް، އާ ޕާޓީއެއް ހައްދަވައިގެން އުޅޭ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް، އާންމު މެންބަރުންނަށް އަޅުގަނޑު މި ދަންނަވަނީ ތިބޭފުޅުންގެ ކެންޑިޑޭޓު ދާނީ ހަތަރުވަނައަށޭ. ތިބޭފުޅުންނަށް ލިބޭ މަދު ވޯޓުކޮޅު ބޭކާރު ނުކުރައްވާށޭ، އަޅުގަނޑުމެންނާއެކު ބައިވެރިވެ، އަޅުގަނޑުމެންގެ ޕަސަންޓޭޖް 60 އިން މައްޗަށް ގެންގޮސްދެއްވާށޭ،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިތުރުވާ ކޮންމެ ދުވަހަކީ އެ 65 ޕަސަންޓު އިތުރުވާނެ ދުވަހެއް ކަމަށާއި އެކަމާ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ފެންނަމުންދާ މަންޒަރަކީ ބޮޑުތަނުން ވާދަވެރިން ދަށްވެގެންދާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

"މިއަދު މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލާ ކުއްޖަކީ އަޅުގަނޑު. ތިޔަބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާއެކު މި ދަންނަވަނީ 56 ޕަސަންޓަށްވުރެ އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން، 56 ޕަސަންޓަށްވުރެ އެންމެ ވޯޓެއް ވެސް މަދެއް ނުވާނެ. ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ ތިޔަބޭފުޅުން އަޅުގަނޑު ހޮވީ މި ޕާޓީ ހިންގާލަންށޭ. އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު ނުވައެއްގައި އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނީ ބޮޑުކޮށް. އަދި ހާއްސަކޮށް އައްޑޫ އާއި މާލޭގެ ބޮޑު މެޖޯރިޓީއާ އެއްކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ މި ގައުމުގައި ޒަމާނުއްސުރެ އުފެދިފައިވާ އަނިޔާވެރިކަން ހަތިމުކުރަން ކަމަށާއި އެކަން ކުރެވޭނީ ކުރިއަށްއޮތް ފަސް އަހަރު ވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ކަމަށެވެ.