ރިޔާސީ އިންތިހާބު މިހާރު ނިމިފައިވާ ކަމަށާއި އެއް ބުރު ނޫން ބުރެއް މިފަހަރު ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކެމްޕޭންގައި އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ފެންނަނީ ހެޔޮ ބޮޑު ބަދަލުތަކެއް ރަށްތަކަށް އައިސްފައި އޮތް މަންޒަރު ކަމަށާއި ސިޔާސީ ހަމަޖެހުމުގެ ފައިދާ ހުރިހާ ދިމާއަކަށް ފޯރާފައި އޮތްތަން ކަމަށެވެ.
"އިންތިހާބު މިހާރު މިއޮތީ ނިމިފައި. މިރޭ ވޯޓު ގުނިޔަސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނަން. މާދަމާ ވޯޓު ގުނައިފިއްޔާ، އެއަށްވުރެ ބޮޑުތަނުން މޮޅުވާނެ. ނުވައެއް ސެޕްޓެމްބަރުގައި ގުނައިފިއްޔާ، މާ ބޮޑުތަނުން އަޅުގަނޑުމެން މޮޅުވާނެ. މި ހިނގާ ކޮންމެ ސިކުންތަކާއި ކޮންމެ މިނެޓެއް ދިވެހިންނާ ގާތް މިކޮށްދެނީ އުފާވެރި އަމާން ރާއްޖެ. އަޅުގަނޑު މިއައީ ރާއްޖޭގެ 16 އަތޮޅަކަށް ގޮސްފައި. ގާތްގަނޑަކަށް ތިން އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ ހުރިހާ ރަށަކަށް އަޅުގަނޑު ހިނގައްޖައިން. އަޅުގަނޑަށް ފެންނަނީ އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާ މަންޒަަރު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި މި ސަރުކާރުން ގެނައި ތަރައްގީގެ މަޝްރޫއުތަކާ ދޭތެރޭގައި ރައްޔިތުން ހިތްހަމަޖެހިފައި ތިބި މަންޒަރު ފެންނަ ކަމަށާއި ރައްޔިތުން ތިބީ ވަކި ގޮތަކަށް ނިންމައިގެން ކަމަށެވެ. އަދި މިރޭ ވެސް ފެންނަނީ ރައްޔިތުން ތިބި ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތައް ނޫން ބައެއް، އެއް ބުރުން ނޫން ބުރެއް މިފަހަރަކު ނެތް. މުޅި ރާއްޖޭގެ ރަސްމީ ނަތީޖާ ރަމްޒުވަނީ ފުރަ މާލޭގައި މިރޭ މި ބޭއްވޭ ޖަލްސާގެ މި މަންޒަރުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާތަނަށް ވަޑައިގެންނެވި ހއ، ށ، ނ، ރ، ބ، ޅ، ކ، އއ، ވ، ދ، ތ، ލ، ގއ، ގދ އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީ ވެސް އޮތީ އެއް ބުރުން އެމަނިކުފާނަށް ދެވަނަ ދައުރެއް ތައްޔާރަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު