ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ "ސައިޑުން" ފައިސާ ނުނަގާ ނަމަ، ފްލެޓްތަކުން ކުލި މާފުކޮށްދެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހަދާފައިވާ ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ދީފައިވާ ފުލެޓްތަކުގެ ކުއްޔާއި އެސްއެމްއީގެ ގޮތުގައި ދޫކޮށްފައިވާ ލޯނުތަށް މާފުކޮށްދޭން އޭނާ ވައުދުވުމުން އެކަމަށް ބައެއް މީހުން ފާޑު ވިދާޅުވި ކަމަށެވެ. ފާޑުކިޔަސް އެއީ ނުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުތަކުން ޕްރޮޖެކްޓްތަކުގެ ސައިޑުން ނަގާ ފައިސާ، ސަރުކާރުތަކުން ހިންގާ ކޮރަޕްޝަންގެ ފައިސާ ސަލާމަތް ކޮށްފިއްޔާ އެ ކަހަލަ ހައުސިން އަކަށް އެކަންޏެއް ނޫނޭ މާފު ކޮށްދެވޭނީ. މިކަހަލަ އެސްއެމްއީ ލޯން އެކަންޏެއް ނޫނޭ މާފު ކޮށްދެވޭނީ. އަދިވެސް އިތުރު އެއްޗެހި އެބަހުރި މާފުކޮށްދެވޭނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައަށާއި މަންފާއަށް ކަމަށާއި އެހެންކަމުން ގޮތް ބަލާލަންވެސް އޭނާ ވެރިކަމަށް އިންތިހާބު ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.