ޕޮލިސް ސާޖަންޓް ކ. ކާށިދޫ، ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގައި އޭނާގެ ގާތިލް ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު މަރަން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް ކުރި ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިންމާލައިފިއެވެ.
ކ. ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމަށް ކުށް ސާބިތުވެ ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ. ހައިކޯޓުން އެ ހުކުމަށް ތާއީދު ކޮށްފައި ވަނީ 30 ސެޕްޓެމްބަރު 2020 ގައެވެ.
މި މައްސަލަ ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، އެ ދެ ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ގޯސްކޮށް ކަމަށް ބުނެއެވެ.
އެކަން ސާބިތު ކުރުމަށްޓަކައި ސަމާހުގެ ފަރާތުން އިސްތިއުނާފީ ހަތަރު ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
އެ ނުކުތާތަކުގެ ތެރެއިން ހައިކޯޓުން އެ މައްސަލަ އަށް ތާއީދު ކޮށްފައިވަނީ ގޯސްކޮށްކަން ފާހަގަވާ ކަންތައްތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ސަމާހުގެ ދިފާއީ ވަކީލު ހަމްޒާލަތީފު ވިދާޅުވީ، އެ މައްސަލަ ބެލުމުގެ ސްކޯޕް ހައިކޯޓުން ކަނޑައަޅާފައިވަނީ، ދަށު ކޯޓުގެ ހުކުމަކީ ނިހާއި ހުކުމެއްކަން ކަނޑައެޅުމަށް އޮންނަ ސުޕްރީމް ކޯޓުގެ އުސޫލާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ މައްސަލައިގައި ޕީޖީން ހުށަހެޅި ނުކުތާތަކަށް ގޮތް ކަނޑައެޅުމުގެ އުސޫލުން، މައްސަލަ ރިވިއު ކުރުމަށް އޮންނަ އުސޫލާ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގައި ސަމާހު ކުށަށް އިއުތިރާފްވެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމަވައި، އޭނާ މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އިރު، އެ ހުކުމުގައި ސަމާހު ކުށަށް އިއުތިރާފްވެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމަވާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސަސީ ހައްގުތައް ސަމާހަށް ލިބިނުދެވޭގޮތަށް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ސަމާހުގެ އިއުތިރާފްގެ މައްޗަށް، އެ މައްސަލައިގައި ހުކުމްކޮށްފައިވާ ކަމަށް ހުކުމުގައި ބުނާ އިރު، އޭނާ އިއުތިރާފުވާ ކަމަށް ބުނާ ބަހުން އެއްކޮށް ރުޖޫއަވެ، އޭނާ އެއްވެސް އިރެއްގައި ކުށަށް އިއުތިރާފްވެފައި ނުވާނެ ކަމަށް ބުނާ ބުނުމަށް ރިއާއަޔް ކުރުމެއްނެތި، އެކަމުން ރުޖޫއަ ވެވޭނެ ހާލަތެއްނެތް ކަމަށް ހުކުމްގައި ކަނޑައަޅާފައި ވަނީ، ގާނޫނު އަސާސީގައި ބުނާ މިންގަނޑަށް ލާއިންސާނީ އަނިޔާއިން ރައްކާތެރި ކުރުމުގެ ހައްގު ކަށަވަރުކޮށްދޭންޖެހޭ މިންގަނޑަށް ކަށަވަރު ކޮށްދިނުމެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ.
އަދި ބަހުސްގެ ބޭނުމަށް، ސަމާހުގެ ފަރާތުން ސައްހަ އިއުތިރާފެއް ވެފައިވާކަމަށް ބެލިޔަސް އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި އަސާސެއް ކަމަށް ބަލާފައިވާ، ބާލިގުވެފައިވާ ވާރިސުންގެ ހަމައެކަނި ބަހުގެ މައްޗަށް ގިސޯސް ހިފޭނެ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ގާނޫނުލް އުގޫބާތާއި ގާނޫނުއަސާސީގެ ރޫހާއި އިސްލާމީ ޝަރީއަތުގެ މަގާސިދުތަކާ ހިލާފް ނިމުމެއް ކަމަށްވާތީ، އެނިންމުމާ ދުރަށް ޖެހިވަައިގަތުމަށް ވަކީލު ވަނީ ސުޕްރީމް ކޯޓުގައި ދަންނަވައިފައެވެ.
އެއީ އެ މައްސަލައިގައި ސަމާހުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ، ބާލިގު ވެފައިވާ އާދަމް ހަލީމުގެ ވާރިސުން ކަމަށްވާ، އާދަމް ހަލީހުގެ ބައްޕަ އާއި މަންމަ އާއި އަނބިމީހާ ސަމާހު މެރުމަށް ބޭނުންވާތީއެވެ. ނަމަވެސް އާދަމް ހަލީމުގެ ތުއްތު ދަރިފުޅެއް ހުރުމުން، އެ މައްސަލައިގައި އެކުއްޖާގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް ދިފާއުން ވަކާލާތު ކުރެއެވެ. ދިފާއުން ބުނަނީ އެކުއްޖާ ބާލިގުވާ އުމުރަަށް އެޅުމުން ނަމަވެސް އެ މައްސަލައިގައި އޭނާގެ ހައްގު އޮންނަ ކަމަށެވެ.
މި މައްސަލައިގައި ތަކުރާރުކޮށް ދައުލަތުން ބުނަނީ، އާދަމް ހަލީމް މަރުވެފައިވަނީ، ސަމާހު ދިން ހަމަލާއިން ކަމަށާއި އެކަމަށް ސަމާހު އިއުތިރާފު ވެފައިވާ ކަމަށެވެ. އަދި އެއީ ގަސްތުގައި ކުރިކަމެއް ނޫން ކަމަށް އޭނާ މިހާރު ބުނަމުން ގެންދިޔަ ނަމަވެސް އެއީ އޭނާ ކުރިކަމެއް ކަމަށް އޭނާގެ ވާހަކައިން ސާބިތުވާ ކަމަށްވެސް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
ދެ ފަރާތުގެ ވާހަކަތައް މިއަދުގެ އަޑުއެހުމުގައި ނިމިފައިވާތީ، މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން، މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.