އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ފެން މީރު ރީތި މި ރަށުގައި ހަތް ވޯޓު ފޮށި ބެހެއްޓިއެވެ. ކޮންމެ ވޯޓު ފޮއްޓަކުންވެސް މެޖޯރިޓީ ނެންގެވީ އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ވާދަވެރިޔާއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިއަދު, ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު މި ރަށަށް ވަޑައިގަތުމުންވެސް އެ ތާއީދަށް ބަދަލެއް އައިސްފައިވާ ތަނެއް ނުފެނެއެވެ. އެ މަނިކުފާނަށް މަރުހަބާ ކިޔަން ބަނދަރު މަތިން ފެނުނު ރީނދޫ ކުލައިން ދަމާލާފައި އޮތް ދިގު ރޮނގުން އެކަން ބުނެދެއެވެ.
ބަނދަރު މަތީގައި ބާއްވާފައި އޮތް ދެ ޕިކަޕުން ޖަހަމުންދިޔަ ރައީސް ސޯލިހުގެ ފޯރިގަދަ ކެމްޕެއިން ލަވަތަކާއެކު ބައެއް މީހުން ނަށަމުން ދިޔައެވެ. ބަނދަރުން އިވެމުން ދިޔައީ އެއް އަޑެކެވެ. ތިނަދޫގެ ރޫހު އޮތް ގޮތެވެ. ރެކޯޑު އަދަދަކަށް ވޯޓު ދީ, އެއްބުރުން މިކަން ނިންމާނެ ކަމެވެ.
އެހެން ފަހަރުތަކާ ހިލާފަށް މިއަދު ރައީސް ތިނަދުއަށް ވަޑައިގަތުމުން ވާދަވެރި ޕީޕީއެމުން މުޒާހަރާކުރާ ތަނެއްވެސް ނުފެނެއެވެ. މި ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި, އެ އެންމެންގެ އުންމީދަކީ މި ރަށް ސިޓީއަކަށް ބަދަލުކޮށްދިނުމެވެ. އެކަން ރައީސް މިއަދު އިއުލާން ކުރެއްވުމަކީ އެ މީހުންގެ އެންމެ ބޮޑު އެދުމެވެ. ހުވަފެނެވެ.
ނަމަވެސް އޮތް ޗެލެންޖުވެސް ބޮޑެވެ. މިފަހަރުގެ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ގާނޫނުއަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރައްވާ ފަހަރެވެ. މި ފަހަރުގެ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއެވެ.
މި ރަށުން ވާހަކަދެއްކި އެމްޑީޕީގެ "ރަތްލާޖެހި" މީހުން ބުނި ގޮތުގައި, ތިނަދޫއަކީ އެމްޑީޕީގެ ރަށެކެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި ވާދަވެރިވާނެއެވެ. އެއް ކަމަކީ އެމްޑީޕީ ދެބައިވެ, އެމްޑީޕީގެ ތެރެއިން ބަޔަކު ދަ ޑިމޮކްރެޓުންނާ ގުޅިފައި އޮތުމެވެ. އެއީ އޭނާ ބުނާ ގޮތުން 300 އެއްހާ ވޯޓެވެ. އަނެއް ކަމަކީ އަށް ކެންޑިޑޭޓުންގެ މެދުގައި ރައީސް ސޯލިހަށް ލިބޭ ވޯޓުކޮޅު ބެހިގެން ދިއުމެވެ. ފައިސާގެ ނުފޫޒުވެސް ބޮޑެވެ.