ރައްޔިތުންގެ ތާއީދާ އެކު ވެރިކަމަށް އާދެވިއްޖެ ނަމަ، ރާއްޖޭގެ މިނިވަންކަމަށް ބުރު އަރާ ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އުނގޫފާރަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ތަރައްގީއަށްވުރެ އަމިއްލަ ވަންތަކަމާއި މިނިވަންކަމާ ދޭތެރޭ ވިސްނަންޖެހޭނެ ކަމަށާއި ރާއްޖޭގެ މިހާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައި އޮތް ގޮތުން އަމިއްލަވަންތަކަން ގެއްލިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ކަންކަން މިހާރު ނިންމަނީ އަމިއްލައަށް ނޫން ކަމަށާއި އެކަންކަން ބަދަލު ކުރެވޭނީ އެކައްޗެއް ކިޔައި، ދިވެހިވަންތަކަން އިސްކޮށްގެން ދިވެހީންގެރާއްޖެއަށް ދިއުމަށް އަޒުމް ކަނޑައަޅައިގެން ކަމަށް ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ތިބުން ނިމުމަކަށް ގެނައުމަށާއި ރާއްޖޭގެ މިނިވަންކަން ޔަގީންކަމާއެކު ހިމާޔަތްކޮށް، އަމިއްލަވަންތަ ކަމަށް ފުރުސަތު ދިނުމަށް ގައުމީ ފިކުރުގައި ތިބި، ގައުމު އިސްކުރާ ބަޔަކަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.

"އެންމެ ފުރަތަމަ ގައުމު އަޅުގަނޑުމެންގެ މޮޓޯއަކީ. އަޅުގަނޑުމެންގެ ރައީސްގެ، ރައީސް ޔާމީންގެ މޮޓޯއަކީވެސް އެއީ. އެ މަނިކުފާނުގެ ދައުރުގައި ވަނީ އެކަންވެސް ސާބިތުކޮށްދެއްވާފައި. އަދި މިހާރު ޖަލުގައި ހުންނަވަނީވެސް އެކަމަށް މަސައްކަތް ކުރައްވާތީ،" މުއިއްޒު ވިދާޅުވިއެވެ.