- ލ. ހިތަދޫން އަލީ ރިފްޝާން
މި ސަރުކާރުން ޖަލުތަކުގައި އަނިޔާވެރިވުމަށް ޖާގައެއް ނުދޭނެ ކަމަށާއި އަނިޔާވެރިވެއްޖެ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހަވީރު ލ. ހިތަދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ރަށަކީ ރާއްޖޭގައި އިސްލާހީ ހަރަކާތް އެންމެ ފުރަތަަމަ ފަށައިގެން ކުރިއަށް ގެންދިޔައިރުގައިވެސް ބައިވެރިވި ބަޔަކު ތިބި ރަށެއް ކަމަށާއި އަދިވެސް މި ރަށުން ފެންނަނީ އެ ފޯރި ކަމަށެވެ. އަދި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ޖަލުތަކުގައި ހިންގި އަނިޔާވެރި އަމަލުތަކަށްވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ.
"އަޅުގަނޑުމެން ބޭނުންވީ ޖަލުގައި އަނިޔާތަކުން ސަލާމަތްވުމަށް. މިއަދު ގުޅިގެން އަޅުގަނޑުމެންނަށް އެކަން ހުއްޓުވިއްޖެ. މިއަދު ޖަލަކު އޭރު އަނިޔާކުރި ގޮތަށް އިންސާނީ ކަރާމަތް ގެއްލޭ ގޮތަށް ކަމެއް ނުކުރާނެ. ޝަކުވާ އަތުވެއްޖެ ނަމަ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފިޔަވަޅު އަޅާނެ. އެކަމަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިތަދޫ ފަދަ ކުދި ރަށްތަކަކީ މިދިޔަ ސަރުކާރުތަކުން އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށްވެސް ލިސްޓުގެ އެންމެ ފަހަތުގައި ބާއްވާ ރަށްތައް ކަމަށާއި މި ސަރުކާރުން އެ މަސައްކަތްތައް ކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"އޭގެ ފަސް އަހަރު ފަހުން އަޅުގަނޑު ދަންނަވާނީ ހިތްހަމަޖެހުމެއް އެބަ ލިބެއޭ، އޭރު ވީ ވައުދުތައް ފުއްދެމުންދާތީ. ފެނާއި ނަރުދަމާ ތަފާތު ކުރުމެއް ނެތި މި އަންނަނީ ފުއްދައިދެމުން، އިންޖީނުގެތައް އެޅުމާއި ތައުލީމާއި ސިއްހީ ދާއިރާގައިވެސް ތަފާތުކުރުމެއް ނެތި ކޮށްދެމުން މި ގެންދަނީ. އަޅުގަނޑުމެން ރަށްތައް ތަރައްގީ ކުރާ އިރު، ހިތަދޫއާއި ކުނަހަންދޫ ގުޅައިލުމަކީވީ ވައުދެއް. ފެށުން ލަސްވުމުން ހުންނާނެ ކަންބޮޑުވުންތަކެއް. އަޅުގަނޑުމެންނަށް ކުރިމަތިވި ދަތިތަކާ ހުރެ ލަސްތަކެއް އައީ. މިއަދު ކޯޒްވޭ އެ އޮތީ ކޮންޓްރެކްޓް ކުރެވިފައި. ލަސްތަކެއް ނުވެ އެމްޓީސީސީން އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އަންނަ ދައުރަށް ރައީސް ވަނީ ހިތަދުއަށްވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭގެ ތެރޭގައި މި ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމާއި ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި، ޒަމާނީ ފެންވަރު ވޮލީ ކޯޓެއް ހެދުން އަދި ސިއްހީ މަރުކަޒު ތަރައްގީކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު