ވެރިކަން ލިބިވަޑައިގެންފިނަމަ، ރ. އަލިފުށީ ސިއްހީ މަރުކަޒު ރަނަގޅު ފެންވަރެއްގެ ހޮސްޕިޓަލަކަށް ހައްދަވައިދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ދަތުރު ފުޅުގައި މިއަދު ރ. އަލިފުއްޓަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު މިއަދު ވިދާޅުވީ އަލިފުއްޓަކީ، ވަކިން ދުރުގައި އޮންނަ ރަށަކަށްވާތީ، އެރަށުގެ ސިއްހީ ހިދުމަތަށް ހާއްސަ ކަމެއް އަންނަންޖެހޭ ކަމަށެވެ.
"ރަށުގެ ސިއްހީ ނިޒާމު މިހާރަށް ވުރެން ވަރުގަދަ ކުރަން ޖެހޭނެ، އެހެންކަމުން ސިއްހީ މަރުކަޒު ރަނަގޅު ފެންވަރެއްގެ ހޮސްޕިޓަލަކަށް ހަދައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
އަލިފުށީ އެއާޕޯޓުގެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވުރެ ބޮޑަށް، އޭނާ ކޮށްދެއްވަން ބޭނުންވާ ކަމެއް ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ މިހާރަށް ވުރެ ފުރިހަމަކޮށް، އަދި މިހާރަށްވުރެ ބާރަށް އެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެއާޕޯޓް ތަރައްގީވެ، އެރަށުގެ ބިން ހިއްކައި، ސިނާއީ ކަންތައްތަކަށް ބިން އިތުރުވެގެން ދާއިރު ސީދާ އެރަށަށް ބޭންކުގެ ހިދުމަތް ލިބޭ ގޮތަށް ހަމަޖެހިގެންދާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ރަށުގެ ތަރައްގީގެ ކަންކަމުގެ ތެރެއިން އެ ރަށުގައި ބޭންކުގެ ނިޒާމު ގާއިމް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެރަށަށް އެއާޕޯޓެއް އިތުރުވެގެންދާ އިރު ޓޫރިޒަމް އިތުރަށް ފުޅާކުރަން ބޭނުންވާނެ ކަމަށާއި އެގޮތުން ލޯކަލް ޓޫރިޒަމްގެ ތެރެއިން އެ ރަށުގައި ގެސްޓްހައުސް ވިޔަފާރިއަށް ފަހި ފުރުސަތެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ކުނި މެނޭޖު ކުރުމަކީ ކޮންމެ ރަށަކުންވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، ވެރިކަން ލިބިވަޑައިގެންފިނަމަ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑައަޅާ ނިޒާމަކުން އަލިފުށީގައި ކުނި މެނޭޖު ކުރުމުގެ ކަންތައް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޒުވާނުންނަށް ބޭނުންވާ އެކި ކަހަލަ ކުޅިވަރާބެހޭ، ވަސީލަތްތައް ހުރިހާ ރަށްރަށުގައި ގާއިމް ކުރުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިރު، ފުޓްބޯޅަ ދަނޑު ހިމެނޭގޮތުން، އަލިފުށީގައިވެސް އެ ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ވެރިކަން ލިބިވަޑައިގަތުމުން، ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައި، ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި ޒުވާނުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ، އޭނާއާ ބެހޭގޮތުން ވާދަވެދިން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި އެއީ ވަރަށް ޒިންމާދާކުރަން ކުޑަ ވާހަކަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު