ޚަބަރު

އިންވެސްޓަރުންގެ ޑޮލަރު ވަކި މުއްދަތަކަށް ރާއްޖޭގައި ބަހައްޓާގޮތަށް ގާނޫނު އިސްލާހުކުރާނަން: މުއިއްޒު

މުހައްމަދު އިޝާން

ފޮރިން އިންވެސްޓަރުންގެ ޑޮލަރު ރާއްޖޭގައި ވަކި މުއްދަތަކަށް ބަހައްޓަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ. ތިނަދޫއަށް ރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ މައި އިގްތިސޯދަކީ ޓޫރިޒަމް ކަމަށެވެ. ޓޫރިޒަމް ދާއިރާއަށް ވަރަށް ގިނަ އަދަދެއްގެ ފޮރިން އިންވެސްޓަރުން ވަނީ އިންވެސްޓުކޮށްފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންނަމަވެސް ރާއްޖޭގައި އެ ފަރާތްތަކުގެ ޑޮލަރު އެކަށީގެންވާ ވަރަކަށް ހިފެހެއްޓިފައެއް ނުހުރޭ. އެހެންވީމާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް އެ ފަރާތްތަކުގެ ޑޮލަރު، ބޭރު ފައިސާ ރާއްޖޭގެ އެކަށީގެންވާ ވަރަކަށް ދައުރުކުރެވިފަ، ވަކި ވަރަކަށް ހިފެހެއްޓިފަ ދެން ބަލްކުކޮށް ބޭރަށްދާ ގޮތަށް ބަދަލުވާން އެބަޖެހޭ. އެއިރުން އަޅުގަނޑުމެންގެ މި މާލީ ނިޒާމަށް ލުޔެއް އަންނަން އޮތީ. ޑޮލަރުގެ އަގު ތިރިކުރެވެން އޮތީ، އެހެންވީމާ އެގޮތަށް ބަދަލުކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސްގެން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުން، އިންވެސްޓަރުންގެ ޑޮލަރު ވަކި އަދަދަކަށް، ވަކި ވަގުތަކަށް ދައުރުވެފަ ބޭރުވާނެ ގޮތަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެއިރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނާއި، ދިރިއުޅޭ ފަރާތްތަކަށް ޑޮލަރު ލިބުމުގައި ލުއިކަން ލިބިގެންދާނެ ކަމަށެވެ. ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މިހާރު ކަނޑައަޅައިފައިވާ ޑޮލަރު ލިމިޓް، އުވާލައި ދެ ގުނަ ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑޮލަރުގެ ލިމިޓް އެއްފަހަރާ ނައްތައި ނުލެވޭނެ ކަަމަށާއި ހަރުފަތަކަށްފަހު، ހަރުފަތެއް ކުރިއަށް ގޮސް، އެ ލިމިޓް ދެ ގުނަ މަތިކުރާނީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއްފަހަރަކާ ޑޮލަރުގެ ލިމިޓް ބަދަލުކޮށްފިނަމަ އިގްތިސޯދަށް އެކަމުގެ ނޭދެވޭ އަސަރު ކުރުން ގާތްކަމަށް މުއިއްޒު ވިދާޅުވިއެވެ.