ޚަބަރު

އާދަމް ހަލީމްގެ މަރު: ހައިކޯޓުން މައްސަލަ ބެލީ ގާނޫނުލްއުގޫބާތު ބުނާ މަފްހޫމާ މުޅީން އެއްގޮތަކަށް ނޫން!

އިބްރާހިމް ޒަކީ

ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި އޭނާގެ ގާތިލް ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާއިރު، ހައިކޯޓުން އެ މައްސަލަ ބެލީ ގާނޫނުލްއުގޫބާތު ބުނާ މަފްހޫމާ މުޅިން އެއްގޮތަށް ނޫން ކަމަށް ސަމާހުގެ ދިފާއީ ވަކީލު ވިދާޅުވެއްޖެއެވެ.

ކ. ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމަށް ކުށް ސާބިތުވެ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ. އަދި 30 ސެޕްޓެމްބަރު 2020ގައި އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. ހައިކޯޓުގެ ހުކުމާމެދު ހިތްހަމަނުޖެހިގެން ސަމާހުގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ކުރެއްވި ސުވާލަށް، ސަމާހުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޖަވާބު ދިނުމުގެ އިތުރުން މި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ނުކުތާތަކަށް ސަމާހުގެ ފަރާތުން ދިފާއުގައި ޖަވާބު ދިނުމެވެ.

ދައުލަތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބު ދެއްވަމުން ސަމާހުގެ ދިފާއީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ދިޔައިރު، ދައުލަތުން ގެންގުޅުނު ސްޓޭންޑާއި ވަކާލާތުކުރި ގޮތް ތަފާތު ކަމަށެވެ.

ތަހުގީގުގައި ފުލުހުން އަނިޔާކުރި ކަމަށް ސަމާހު ފާހަގަކޮށްފައިވާ މައްސަލައިގައި ވަކީލު ވިދާޅުވީ، އޭނާ ފުލުހުންނަށް ތުހުމަތުކުރާ އަނިޔާގެ މައްސަލަ ސާބިތު ކުރުމަށް ހެކިން ހުރި ކަމަށް އޭނާ ބުނެފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށް، ދެތިން ގަޑިއިރު ފަހުން ކުރި ފިޒިކަލް އެގްޒަމިނޭޝަންގައި އޭނާގެ ގައިން އިންޖަރީތަކެއް ފެންނަން ހުރިކަން ދަށު ކޯޓުގައި ހުކުމުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހައިކޯޓު ފިޔަވައި ރަސްމީ އެހެން އިދާރާއަކަށް ހުށަހަޅާފައި ނުވާތީ، އަނިޔާގެ މައްސަލައާ ގުޅޭ ވާހަަތަކަށް ރިއާޔަތް ކުރެވެން ނެތް ކަމަށް ހައިކޯޓުން ބުނެފައިވާ ކަމަށާއި އެ ނޫން އެއްވެސް ކަމަކަށް ހައިކޯޓުން ރިއާޔަތް ކޮށްފައިނުވާކަން ވަކީލު ފާހަގަކުރެއްވިއެވެ.

ވަކީލު ވިދާޅުވީ، ދަށު ކޯޓުގައި ޝަރީއަތް ހިނގި އިރު، ސަމާހު ބަހައްޓާފައި ހުރީ "މާނަހުރި ގޮތަކަށް" މީހަކާ މުއާމަލާތް ނުކުރެވޭ ގޮތަށް މުޅިން ވަކިން ކަމުގައިވާތީ، ދިފާއު ތައްޔާރުކުރުުމުގެ ފުރިހަމަ ފުރުސަތު ނުލިބޭ ކަމަށެވެ. އަދި ސަމާހުއަށް ވަކީލެއްގެ ފުރުސަތު ލިބިގެން ނުދިޔަ ގޮތާއި އެއީ ނިޒާމީ ގޮތުން އޭނާގެ އަތުން ނިގުޅައިގަނެފައި އޮތް ހައްގެެއް ކަމަށް ސަމާހު ފާހަގަކުރާ ކަމަށާއި ވަކީލެއް ހޯދަން ދިން ކުރު ފުރުސަތުގައި އެއް ފަހަރު ކުރި ފޯނު ކޯލަކަށް ޖަވާބު ނުދިނުމުން އެ ހައްގު ގެއްލުނު ކަމަށްވެސް ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ މި މައްސަލައިގައި ހައިކޯޓުން ގޮތް ނިންމި އިރު، ހުކުމުގައި ފާހަގަކުރެވުނު އެއްވެސް ނުކުތާއެއްގައި އެ ކަންކަމާ ގުޅިގެން ނިންމުމެއް ނިންމަވާފައިވާކަން ފާހަގަވެފައި ނުވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މިފަދަ މައްސަލަތައް ސާބިތު ކޮށްދިނުމުގެ ބުރަ އެހެން ޖުޑިސްޓިކްތަކުގައި އޮންނަ ގޮތާގުޅޭ ގޮތުން ފަނޑިޔާރުން ކުރެއްވި ސުވާލަށް ދެ ފަރާތުގެ ވަކީލުންވެސް ޖަވާބު ދެއްވިއެވެ.

ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުފަލް ދެއްވި ޖަވާބުގައި، ކެނެޑާގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކާއި ނިއުޒިލެންޑާއި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ބައެއް ގަޒިއްޔާތަކާއި ހެތްކާބެހޭ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ކަންތައްތައް ފާހަގަކުރެއްވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ދެން އަންނަ އަޑުއެހުމެއްގައި ވާހަކަދެއްކުމަށް ފުރަތަމަ ފުރުސަތު ދޭނީ ސަމާހު ފާހަގަކުރަން ހުރި ކަންތައްތައް ފާހަގަކުރުމަށް ކަމަށެވެ.

އަދި އެއަށްފަހު ފަނޑިޔާރުންނަށް ސުވާލުކުރަން ފުރުސަތު އަރުވާނެ ކަމަށާއި ފަނޑިޔާރުންގެ ސުވާލުތައް ނިމުމުން ދިފާއީ ނުކުތާތަކަށް ޖަވާބު ދިނުމަށް ޕީޖީއަށް ފުރުސަތު ދެއްވުމަށްފަހު، މި މައްސަލަ ނިމުމުގެ ގޮތުން ވާހަކަދެއްކުން އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުައި ފަނޑީޔާރު ހުސްނުއްސުއޫދާއެކު ދެން ހިމެނި ވަޑައިގަންނަވަނީ، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.