އޮޅުވާލައިގެން ޓިކެޓު ހޯދި ކަމަށްބުނެ ދައްކާ ވާހަކައާ މެދު ރައްޔިތުން ރަނގަޅަށް ވިސްނަން ޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ތ. ވިލުފުއްޓަށް ރައީސް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދައްކަވާ އިދިކޮޅު ޕީޕީއެމް، ޓިކެޓުގެ ވާހަކަފުޅު ފާހަގަކުރައްވައިފައެވެ. ރައީސް ވަހީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓިކެޓު ހޯއްދަވާފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑު ބަލައިލިން ކެމްޕޭންގެ ބައެއް ވާދަވެރިން ދައްކަމުންދިޔަ ވާހަކަ. ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު ދެއްކެވި ވާހަކަވެސް. ވިދާޅުވަމުން ގެންދެވި މި ތަނުން އެބަ ފެނޭހޭ އެ ޕާޓީގެ ކުލަ، ނެތެއް ނޫންހޭ ފެންނާކަށް. އޮޅުވާލައިގެން ޓިކެޓު ހޯއްދަވި ބޭފުޅަކު ވެރިކަމަށް ގެންނަން ނުވާނެ ކަމަށްވެސް އެބޭފުޅާ ވިދާޅުވި. މި ވާހަކަ ދެއްކެވި ބޭފުޅާ ހުންނެވީ ޓިކެޓަށް ވަރަށް ތައްޔާރުވެގެން،" ރައީސް ވަހީދަށް އަމާޒުކުރައްވައި، ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އޮޅުވާލައިގެން ޓިކެޓު ހޯދާފައިވާ ކަމަށްބުނެ ދައްކާ ވާހަކަތަކާ މެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި އެ ވާހަކައަކީ އެތައް ދުވަހެއް ވަންދެން ޕީޕީއެމްގައި މަސައްކަތްކުރެއްވި ބޭފުޅަކު ތަޖުރިބާގެ އަލީގައި ދައްކަވާ ވާހަކަފުޅެއް ކަމަށެވެ.
މި ސަރުކާރުން މި ރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް ވެސް ރައީސް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. މިހާރު ކުރިއަށްދާ މި ރަށުގެ އެއާޕޯޓާއި ހޮސްޕިޓަލުގެ ވައުދުވެސް ފުއްދާނީ މި ސަރުކާރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.