ޚަބަރު

މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް ހަދައިދޭނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގައި މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ބައިނަލްއަގުވާމީ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވަން ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ފުވައްމުލަކު ސިޓީގައި ޕީޕީއެމް-ޕީއެންސީން މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި މާލޭގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވީ، މާބަނޑު މީހުންނާއި ކުޑަކުދިންނަށް ދޭ ފަރުވާ ހަރުދަނާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"އެހެންވީމާ އިންޓަނޭޝަނަލް ފެންވަރުގައި އެންމެ ރަނގަޅު ހިދުމަތް ލިބޭ މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ ރާއްޖޭގައި ގާއިމް ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

އަދި ވިދާޅުވީ އަމާޒަކީ އެ ހޮސްޕިޓަލަކީ ރާއްޖޭގެ ސަރަހައްދުގައި ހުންނަ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ހެދުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހާފިޒުންނަށް މިހާރު ދޭ 2،000 ރުފިޔާގެ އެލަވަންސް ޑަބަލްކޮށްދޭނެ ކަމަށެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ދަރީން ބެލުމަށް ދޭ އެލަވަންސް، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާގެ މަގުން 12،000 ރުފިޔާއާ ހަމައަށް ދޭނެ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެންމެ އިސްކަމެއްދޭނީ ބޯހިޔާވަހިކަމަށް ކަމަށާއި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން މީގެ ކުރިން ބޯހިޔާވަހިކަން ދޭން ނިންމާފައިވާ ޕީއެސްއެމާއި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާއި ސިފައިންނާއި ފުލުހުންނަށް ހުޅުމާލެއިން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.