ބޭރު ކުޅިވަރު

ލޯނެއްގައި ލުކާކޫ ގެންދަން ރޯމާއިން މަޝްވަރާކުރަނީ

ޗެލްސީގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލޫކާކޫ ލޯނެއްގެ ދަށުން ގެންދަން ޗެލްސީއާއި ރޯމާ މަޝްވަރާތައް ފަށައިފިއެވެ.

އުމުރުން 30 އަހަރުގެ ލޫކާކޫ މިދިޔަ ސީޒަނުގައި އިންޓަ މިލާނުގައި ހޭދަކުރީ ލޯން އެއްބަސްވުމެއްގައެވެ. މިދިޔަ އަހަރު އިންޓައަށް ލުކާކޫ 14 ގޯލު ޖަހައިދީފައިވާ އިރު، އެ ކްލަބާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔައެވެ. އިންޓައިން މިދިޔަ ސީޒަން ނިންމާލީ ލީގުގެ ތިންވަނައިގައެވެ.

ޗެލްސީން 2021 ވަނަ އަހަރު ލުކާކޫ ގެންދިޔައީ 97.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭގެ ކުރިންވެސް ޗެލްސީއަށް ކުޅުނު ލުކާކޫ، އޭގެ ކުރިން އިންޓައަށް ގެންދިޔައީ މެންޗެސްޓާ ޔުނައިޓެޑުގައި ހުއްޓައެވެ. 2019 ވަނަ އަހަރު އިންޓައިން ލުކާކޫ ގެންދިޔައީ 80 މިލިއަން ޔޫރޯގެ އަގެއްގައެވެ. އޭގެ ފަހުން އިންޓައަށް ކުޅުނު 95 މެޗުން ލުކާކޫ ވަނީ 64 ގޯލު ޖަހައިފައެވެ.

ޗެލްސީގައި ފަހުން ހޭދަކުރި ދުވަސްތަކުގައި ލުކާކޫއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ކުޅެވިފައިނުވާ އިރު، އޭނާ ލޯނަށް ދިޔައީ އަލުން އިންޓައަށެވެ. އިންޓައަށް ދިއުމަށްފަހު ލުކާކޫ ވަނީ ކޮންމެވެސް ވަރަކަށް ޗެލްސީއަށް ފާޑު ކިޔައިފައެވެ.

ޗެލްސީއާއި ލުކާކޫގެ ގުޅުން ގޯސްވެފައިވާ އިރު، އޭނާ ސްކޮޑުގައިވެސް ނުހިމެނެއެވެ. ލުކާކޫ މިވަގުތު ތަމްރީނުކުރަމުންދަނީވެސް އެކަންޏެވެ.

ޗެލްސީން ލޫކާކޫ ފޮނުވާލަން ކުރަމުންދާ މަސައްކަތުގައި ރޯމާއާ މަޝްވަރާ ފަށާފައިވީ ނަމަވެސް، އެ މަޝްވަރާތައް ކާމިޔާބުވުމާ ގާތަށް ދާނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް އަދި ނެތެވެ. ލުކާކޫ ހޯދަން ސައުދީވެސް މަސައްކަތް ކުރަމުންދާ އިރު، ޗެލްސީގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ލުކާކޫގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އޭނާ ވަނީ ސީޒަން ފެށުމުގެ ކުރިންވެސް އެކަން ފާހަގަކޮށްފައެވެ.

ލުކާކޫ ރޯމާއަށް ގެންދަން އެ ކްލަބުގެ ކޯޗު ޖޯސޭ މޮރީނިއޯ ބޭނުންވާ ކަމަށް އިތުބާރު ބައެއް ނޫސްތައް ބުނެފައިވެއެވެ. މީގެ ކުރިން މޮރީނިއޯ ވަނީ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑުގައިވެސް ލުކާކޫއަށް ކޯޗުކަން ކޮށްދީފައެވެ.