ގައުމު ދެކެ ލޯބިވާނަމަ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ވޯޓު ދޭންވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށް، އެ މަނިކުފާނުގެ ރަނިންމޭޓް އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ފޭސް ދޭއްގައި މިރޭ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރަށް ކުރަން ޖެހުނު އެންމެ ބޮޑު މަސައްކަތަކީ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުން ކަމަށެވެ. އެ މަސައްކަތުގެ ދަށުން ބައެއް މަޝްރޫއުތައް ނިމިފައިވާ އިރު، އަނެއްބައި މަޝްރޫއުތައް ހުރީ ނިމެން ކައިރިވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، އެ ތަރައްގީގެ ފައިދާ ލިބިގެންދަނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންނަށް ނޫން ކަމަށާއި އެކަމުގެ ފައިދާ ލިބިގެންދަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަމަށެވެ.
"ޕާޓީ (އެމްޑީޕީ)އާ ގުޅިވަޑައިނުގެންނެވި ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި، މި މެނިފެސްޓޯއަށް ބަލައިލައިފަ، ސަރުކާރުން މިދިޔަ ފަސް އަހަރުގައި ކުރެވުނު ކަންކަމަށް ހަމައެކަނި ބަލައިލައި، ވިސްނާލައި އަދި އެކަންކަން ވަޒަންކޮށްފިކަމަށްވާ ނަމަ، މި ގައުމު ދެކެ ލޯބިވާ ކަމުގައިވަނީނަމަ މި ގައުމު ކުރިއެރުމަށް އިސްކަމެއް ދެއްވަން ހިތުގައި އެކަމުގެ ބިންވަޅު ނެގިފައިވާ ކޮންމެ މީހެއް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވާނެ. ނަމްބަރު ތިނަކަށް ވޯޓު ދެއްވާނެ،" އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައި އަސްލަމް ވިދާޅުވީ އެމްޑީޕީ ރޫޅިދާނެކަމަށް ބަޔަކަށް ހީވިޔަސް އެކަމެއް ނުވާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ އެމްޑީޕީއަކީ އެހާ ފަސޭހައިން ރޫޅިގެން ހިނގައިދާނެ ޕާޓީއެއް ނޫން ކަމަށާއި މިހާރު ފެނިގެންދަނީ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް އެމްޑީޕީއާ ގުޅޭ މަންޒަރު ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ވަކި މީހަކު ވަށައި އެނބުރެން ނުުވަތަ ވަކި މީހަކު ފަހަތުން ދުވާ ޕާޓީއެއްގެ ގޮތުގައި ނޫން ކަމަށާއި އެމްޑީޕީ އުފެދިގެން އައީ ސިޔާސަތުތަކެއްގެ މައްޗަށް ކަމަށެވެ.
އެމްޑީޕީއަކީ ސިޔާސީ ކުރިމަގު އޮންނަ ޕާޓީއެއް ކަމަށާއި އެންމެ ދަށުން ފަށައިގެން ޗެއާޕާސަންގެ މަގާމަށް ވެސް ދެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު