މިދިޔަ ފަސް އަހަރު މައިގަނޑު ގޮތެއްގައި ސަރުކާރުން ކުރި މަސައްކަތަކީ ބަޔަކު ހާވާފައިހުރި ހަޑި ސާފުކޮށް ރާއްޖެ 21 ވަނަ ގަރުނަށް ގެންދިޔުންކަމަށް އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގެ އެންމެ ފަހު ޗެޕްޓާ "އިގްތިސޯދީ ބޮޑު ބަދަލު" އިއުލާންކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ވާދަވެރިން ދައްކަނީ އެއް ވާހަކައެއް ކަމަށެވެ. އެއީ ރާއްޖެ ދަރާ ވާހަކައާއި ގައުމު ބަނގުރޫޓުވާ ވާހަކަ ކަމަށެވެ.

އެ ފަރާތްތަކުން މިހާރު ދައްކަނީ 2026 ވަނަ އަހަރު ރާއްޖެ ދަރާނެ ވާހަކަ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް އެއިން ބޭފުޅަކަށް، ރާއްޖެ ނުދަރައި ސަލާމަތްކުރުމަށް އެ ބޭފުޅުން ގެންގުޅުއްވާ ސިޔާސަތެއް ސާފުކޮށް ދެވިފައި ނުވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ކޮވިޑް-19އިގެ ދަތި އުނދަގުލާއެކު ވެސް ރާއްޖޭގެ އިގްތިސޯދު މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަ ވެފައި ކަމަށެވެ.

"ވޭތުވެދިޔަ ފަސް އަހަރު މައިގަނޑު ގޮތެއްގަ އަޅުގަނޑުމެންނަށް ކުރަން ޖެހުނު ކަމަކީ އެތައް ބަޔަކު އެތައް ޒަމާނަކަށް ހާވާފަހުރި ހަޑި ސާފުކޮށް މި ގައުމު 21 ވަނަ ގަރުނާ ހަމައަށް ގެންނަން ކުރަން ޖެހުނު މަސައްކަތް" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ސަރުކާރުން ވަނީ ހުރިހާ ދާއިރާއަކަށް އިންވެސްޓުކޮށް، އެ ދާއިރާތައް ކުރިއަރުވާފައި ކަމަށެވެ. އެހެންކަމުން ދެންވެސް މިގައުމު އާ ހަރުފަތަކަށް ގެންދެވޭނެ އިލްމާއީ ތަޖުރިބާ ހުރީ ރައީސް ސޯލިހުގެ ކިބައިގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.