މަޑަގަސްކަރާގައި މާދަމާ ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަންހެން ވޮލީ ޓީމުން، ތައިލެންޑްގެ ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕްއާ އެކު ތައްޔާރީތައް ކުރިއަށް ގެންގޮސްފައިވާ އިރު، އަންހެން ވޮލީ ޓީމުގެ އަމާޒަކީ ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށް ބުނެފިއެވެ.
ކޯޗު ވިޗީޕޮންއާ އެކު އަންހެން ވޮލީ ޓީމުން މި މުބާރާތަށް ފަރިތަކުރުންތައް ފެށީ މީގެ ފަސް މަސް ކުރިންނެވެ. އަދި މުބާރާތުގެ ކުރިން އަންހެން ޓީމުން ވަނީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އެ މުބާރާތަކީ، ވިޗީޕޮންއަށް ކުޅުންތެރިން ދެނެގަންނަން ލިބުނު ބޮޑު ފުރުސަތެކެވެ. އޭގެ ފަހުން އައިއޯއައިޖީގެ ކުރިން އަންހެން ވޮލީ ޓީމުން ވަނީ ތައިލެންޑުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ. އަދި މުބާރާތުގެ ކުރިން ރާއްޖޭގައި ސްރީ ލަންކާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ތިން މެޗު ވަނީ ކުޅެފައެވެ.
އައިއޯއައިޖީގެ ކުރިން ޓީމް މޯލްޑިވްސް މީޑިއާއާ ވާހަކަދައްކަމުން ޓީމުގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ހައްވާ ރާޝިދާ (ހައްވަ)، ޖޫޒާން ޒަރީރު އަދި ރިޔާޝާ ބުނީ އަބަދުވެސް އަމާޒަކީ މެޑަލް ހޯދުން ކަމަށާއި، ސީޝެލްސް ފަދަ ގައުމުތަކުގެ ކުޅުން ފެނިފައި ހުރި ކަމަަށާއި، އެ ގައުމަތަކާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށެވެ.
އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން އިތުރަށް ބުނީ، އައިއޯއައިޖީއަށް ކުޅުންތެރިން ތިބީ މެންޓަލީ އަދި ފިޒިކަލީ ވަރަށް ފިޓުކޮށް ކަމަށާއި، އެންމެ ފަހުން ބޭއްވި އައިއޯއައިޖީ މުބާރާތުން އެނގިގެންދިޔައީ ރާއްޖޭގެ އަންހެން ވޮލީ ޓީމަށް މި މުބާރާތުގައި މެޑަލްއެއް ހޯދިދާނެކަން ކަމަށެވެ.
މުބާރާތުގެ ކުރިން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅު ކަމަށާއި، ވޮލީއަށް މިހާތަނަށް އައިއޯއައިޖީގައި މެޑަލްއެއް ލިބިފައިވަނީ ބީޗް ވޮލީގައި އެކަނި ކަމުން މި މުބާރާތަށް އަންހެން ވޮލީ ޓީމުން ދަނީ އެކަން ބަދަލުކޮށްލަން ކަމަށް އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ވަނީ ބުނެފައެވެ.
ސެންޓްރަލް ޒޯން މުބާރާތަށް ފަހު، ވިޗީޕޮން ދިން އިންޓަވިއުއެއްގައި ވަނީ ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ކުޅުމާއި ހުރިހާ ކަމަކަށް ބަލާ އިރު، ރަނގަޅު ކުރެވޭނެ ގިނަ ކަންތައްތަކެއް ފާހަގަކުރެވި، އެއަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގައުމީ އަންހެން ޓީމަށް މީގެ ކުރިން އެކި ފަހަރު މަތިން ކޯޗުކޮށްދީފައިވާ އަހުމަދު އަދީލް (ބޭބެ) މިވަގުތު އެސިސްޓަންޓް ކޯޗަކަށް ހުރީ ހެޑް ކޯޗު ވިޗީޕޯންއަށް އެހީތެރިވުމުގެ ގޮތުންނެވެ. ބޭބެ ބުނީ ތައްޔާރީތައް ދިޔަ ގޮތަށް ބަލާ އިރު، ވަރަށް ހިތްހަމަޖެހޭ ކަމަށާއި އޮތް ގްރޫޕުގެ ގޮތުން ވެސް ރަނގަޅު ކުޅުމަކާއެކު ކުރިއަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
އަންހެން ވޮލީގައި ރާއްޖެ ހިމެނެނީ ސީޝެލްސް އާއި މޮރިޝަސްއާ އެއް ގްރޫޕެއްގައެވެ.
- ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް