Close
ޚަބަރު

ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕްގެ އެތުލީޓުން އައިއޯއައިޖީގައި ހޯދި ކާމިޔާބީ ފާހަގަކޮށްފި

ފަތިމަތު ލިއުޝާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްޕޯޓްސް ސްކޮލަޝިޕްގެ އެތުލީޓުން ރާއްޖެ ތަމްސީލުކޮށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށާއި މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އައިއޯއައިޖީގައި ހޯދި ފަހުރުވެރި ކާމިޔާބީއަކީ ހުރިހާ އެތްލީޓުންނަށާއި ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބެއް ކަމަށެވެ. އަދި ސްޕޯޓްސް ސްކޮލާޝިޕްގެ އެހީގައި ހޯދި ކާމިޔާބުގެ ބައިވެރިވުމަކީ ބީއެމްއެލްއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ދޭ ސްކޮލަޝިޕެކެވެ. އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެއެވެ.

ސްޕޯޓްސް ސްކޮލާޝިޕަށް ހޮވުނު އެތުލީޓުންގެ ތެރެއިން ހަ އެތްލީޓަކު ވަނީ އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

ސްކޮލަޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައި ދިން އެތުލީޓުންނަކީ:

  • މޫސާ މުންސިފް އަހުމަދު (ޓޭބަލް ޓެނިސް): މިކްސް ޑަބަލްސް (ރަން މެޑަލް)، މެންސް ޑަބަލްސް (ރިހި މެޑަލް) އަދި މެންސް ޓީމް އިވެންޓް (ރިހި މެޑަލް)
  • ފާތިމަތު ޖުމާނާ ނިމާލް (ޓޭބަލް ޓެނިސް): ވިމެންސް ޓީމް އިވެންޓް (ރަން މެޑަލް)
  • މަރިޔަމް ރުއުޔާ އަލީ (އެތުލެޓިކްސް): ވިމެންސް 100/4 ރިލޭ (ލޯ މެޑަލް)
  • ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން): ވިމެންސް ޓީމް އިވެންޓް (ރިހި މެޑަލް)