މި އަހަރުގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖެއިން ބައިވެރިވި ޓީމުތައް ހޯދި ކާމިޔާބީ ދިރާގުން ފާހަގަކޮށްފިއެވެ.
މަޑަގަސްކަރައިގައި ބޭއްވި މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭއިން ވަނީ ޖުމުލަ 28 މެޑަލް ހޯދައިފައެވެ. އެއީ ފަސް ރަން މެޑަލް، ނުވަ ރިހި މެޑަލް އަދި 14 ލޯ މެޑަލްއެވެ. މެޑަލް ލިބުނު ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބާސްކެޓް ބޯޅަ، އެތުލެޓިކްސް، ޕަރަ އެތުލެޓިކްސް އަދި ޓައިކްވޮންޑޯއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިން ވަނީ އައިއޯއައިޖީގައި ރާއްޖެއަށް މެޑަލް ހޯދައިދިން ހުރިހާ އެތުލީޓުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރުންނާއި އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ މަންދޫބުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ.
އެ ރަސްމިއްޔާތުގައި ދިރާގުން ވަނީ އައިއޯއައިޖީގައި މެޑަލް ހޯދި 48 މެޑަލިސްޓުންނަށް ހާއްސަ އިނާމެއް ހަދިޔާކޮށްފައެވެ.
އެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މި ކާމިޔާބީ ހާސިލުކުރުމަށްޓަކައި އެތުލީޓުން ކެނޑިނޭޅި ކުރި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ކުރިއަށް އޮތްތަނުގައި މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލުވާނެ ކަމަށް ވިދާޅުވިއެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ގިނަ ޖަމިއްޔާތަކާއެކު ދިރާގުން ޑިޖިޓަލް އަދި ޑިވެލޮޕްމަންޓް ޕާޓްނާޝިޕް ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ކުޅިވަރު ދާއިރާއާއި އެތުލީޓުން ކުރިއެރުވުމަށް އެހީތެރިވުމަށް ދިރާގުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.