ދިވެހި ވިޔަފާރިތަކަށް އެހެން ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދިނުމަށް އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) ފައިނޭންސް ލިބޭނެ ގޮތް މަގުފަހިކޮށްދީ، ދިވެހި ވިޔަފާރިތަކަށް އެހެން ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި އެމްޑީޕީގެ ހާއްސަ ކެމްޕެއިން ޖަލްސާގައި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ފަސްވަނަ އަދި ފަހު ސިޔާސަތު، "އިގްތިސާދީ ބޮޑު ބަދަލު" ވަނީ އިފުތިތާހު ކޮށްފައެވެ.
އިގުތިސާދީ ބޮޑު ބަދަލު ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ބާރުވެރި އިގުތިސާދު، އިގުތިސާދީ ހަރަކާތްތަކުގައި އެންމެންގެ ބައިވެރިވުން، އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ އަދި ވިލުންތެރި އިގުތިސާދެވެ.
މި ހަތަރު ބައިގެ ތެރެއިން ބާރުވެރި އިގުތިސާދުގެ ދަށުން ހިމެނޭ އިގުތިސާދު ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމަށް ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- - ދިވެހި ވިޔަފާރިތަކަށް އެގްޒިމް ފައިނޭންސް ލިބޭނެ ގޮތް މަގުފަހިކުރުން
- - ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިއްސާތަކާއި ރާއްޖޭގެ އެހެނިހެން ސްޓްރެޓީޖިކް އެސެޓްތައް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެން މަންފާ ކުރާނެ ގޮތަށް ނިޒާމު ބަދަލުކުރުން
- - ރާއްޖޭގެ އައިސީޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށް ނެރެ، މާކެޓުކޮށް، ކުރިއެރުވޭނެ ވަސީލަތްތަކާއި ނެޓްވޯކް ގާއިމުކުރުން
- - ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ޖަމިއްޔާތަކުގައި ބައިވެރިވެ، ދިވެހި ވިޔަފާރިތަކަށް ބޭރުގެ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ފަހިކޮށްދީ، ވިޔަފާރިތައް ރާއްޖެއިން ބޭރުގައި ފުޅާކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
ޚަބަރު
ޚަބަރު
ޚަބަރު