ވަޒީފާ ގެއްލިފައިވާ ފަރާތްތަކާއި ވަޒީފާ ހޯދުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް އާމްދަނީއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން "އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް" ސްކީމެއް ތައާރަފުކުރާނެ ކަމަށް ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ސޯޝަލް ސެންޓަރުގައި އެމްޑީޕީން މިރޭ ބޭއްވި ރިޔާސީ ކެމްޕޭން ހަރަކާތުގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ "އިގުތިސޯދީ ބޮޑު ބަދަލު" ސިޔާސަތު އިއުލާންކޮށްފައެވެ. އެ ސިޔާސަތުގައި ހިމެނެނީ، ބާރުވެރި އިގުތިސޯދު، އިގުތިސޯދީ ހަރަކާތުގައި އެންމެން ބައިވެރިވުން، 21 ވަނަ ގަރުނުގެ މާލީ ދާއިރާ އަދި ވިލުންތެރި އިގުތިސޯދެވެ.

އެމްޑީޕީން ވަނީ އޭގެ ތެރޭގައި ހިމެނޭ ވިލުންތެރި އިގުތިސޯދުގެ ދަށުން، އިގުތިސާދީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ރާވާފައިވާ ކަންކަން އިއުލާންކޮށްފައެވެ. އެގޮތުން ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ވަޒީފާ ގެއްލިފައިވާ ފަރާތްތަކާއި ވަޒީފާ ހޯދުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް އާމްދަނީއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން "އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް" ސްކީމެއް ތައާރަފުކުރުން ހިމެނެއެވެ.

އިންޝުއަރަންސް ދާއިރާ ރެގިއުލޭޓްކޮށް ތަރައްގީކުރުމަށް ޓާގެޓެޑް ޕޮލިސީތައް ހަދައި ތަންފީޒުކުރުމާއި އެސްއެމްއީތަކަށާއި ގެސްޓުހައުސް އަދި ސަފާރީތަކަށް ހާއްސަ އިންޝުއަރެންސް ތައާރަފުކުރަން ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އަދި ކަނޑުމަތީގެ ހާދިސާތަކަށް ހާއްސަ ގައުމީ ފުލް ކަވަރޭޖް "މެރިން އިންޝުއަރަންސް" ޕޮލިސީއެއް ތައާރަފްކުރުން ހިމެނެއެވެ.

  • ރަށްރަށާއި، ސިޓީތަކަށް ދިމާވާ އެކިއެކި ކާރިސާތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ހޯމް ތަކާފުލް/ އިންޝުއަރެންސް ސްކީމް ތައާރަފުކުރުން
  • ޑިޖިޓަލް ޒަމާނަކަށް އިގުތިސާދީ މިސްރާބު ބަދަލުވަމުންދާ ދަނޑިވަޅުގައި، ސައިބާ ސެކިއުރިޓީ އާއި ޑޭޓަ ޕްރޮޓެކްޝަންގެ މުހިންމުކަން ދެނެގަނެ، ރައްކާތެރި ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކުރުމަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަސީލަތް ގާއިމުކުރުމަށް އިސްކަންދޭނެ
  • ޖަޒީރާވަންތަ ރާއްޖެއާ ގުޅޭ ގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން، ތިމާވެށްޓާއި ރަހުމަތްތެރި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރާނެ. އަދި ކާޑުގެ ބާވަތްތައް ފަދަ އިމްޕޯޓަށް ބަރޯސާވާންޖެހޭ ތަކެތި ހިމެނޭ ގޮތަށް ސްޓްރެޓީޖިކަލީ މުހިންމު ކާބޯތަކެއްޗާއި، ތެލާއި ބޯފެން ފަދަ ތަކެތީގެ ސަރަހައްދީ ރިޒާވްތައް ގާއިމުކުރާނެ
  • ރާއްޖެ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގުޅުވާލާ ގައުމީ އެއާލައިނެއް ގާއިމުކޮށް، ފަތުރުވެރިންނާއި ދިވެހިންނަށް ހިދުމަތްދިނުމުގައި ވައިގެ ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ޔަގީންކަން ކަށަވަރުކުރާނެ. އަދި ކަނޑުދަތުރާއި އެއްގަމު ދަތުރު ހިމެނޭހެން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމަކީ ރައްކާތެރި، އިތުބާރުކުރެވޭ ނިޒާމެއްގެ ގޮތުގައި ފުރިހަމަކުރެވޭނެ
  • އިންޝުއަރަންސް، ފައިނޭންޝަލް ކޮންސިއުމާ ޕްރޮޓެކްޝަން އަދި އެހެނިހެން މާލީ ހިދުމަތްތަކާ ބެހޭ ގާނޫނުތަކާއި ގަވާއިދުތައް ހިމެނޭގޮތަށް އެތެރޭގެ މާލީ ނިޒާމު ހިންގުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރާނެ
  • ރައްޔިތުންނާއި، އިންވެސްޓަރުންނާއި، ވިޔަފާރިވެރިންނަށް ކުރިމަތިވެދާނެ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި އެކަންކަމުން އަރައިގަތުމަށް، އިގުތިސާދީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ނިޒާމެއް ގާއިމުކުރާނެ
  • ދައުލަތުގެ ފިސްކަލް ރިސްކް އެސެސްމަންޓުގެ ދަށުން ފާހަގަކުރިވިފައި ހުރި ބޮޑެތި ހިރާސްތައް ކުޑަކޮށް، އެ ހިރާސްތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ ރާވައި ތަންފީޒުކުރާނެ

އެމްޑީޕީގެ މެނިފެސްޓޯ ބަހާފައިވަނީ ފަސް ސިޔާސަތެއްގެ މައްޗަށެވެ. އެއީ؛

  • އުފާވެރި ދިރިއުޅުން
  • އަމާން މުޖުތަމައު
  • ޒުވާނުންގެ އާޖީލު
  • އިގުތިސާދީ ބޮޑު ބަދަލު
  • ހެޔޮވެރިކަން