މާލޭ ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކުގައި ކެމްޕޭން ބެނާތައް ދެމުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކަދުރު ރުއްތަކަށް ވާ ޖަހައި، ކެމްޕޭން ބެނާތަކާއި ދިދަ ދަމަމުން ގެންދާތީ އެ ރުއްތަކަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އެހެންކަމުން ރިޔާސީ ކެމްޕޭންގެ އެއްވެސް ބެނާއަކާއި ދިދައެއް ކަދުރު ރުއްތަކުގައި ހަރު ނުކުރުމަށް އެދިފައިވެއެވެ.

ސިޓީ ކައުންސިލުން ވަނީ އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ނަގައިގެން ހޮޅިދަނޑީގައި ބެނޭ އަދި ދިދަފަތި ދެމުމަށްވެސް އެދިފައެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ކަދުރު ރުއްތަކުގައި އެންމެ ފުރަތަމަ ބެނާ ދެމީ އެމްޑީޕީންނެވެ. ނަމަވެސް މިހާރު އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީގެ ބެނާވެސް ދަމާފައި އެބަ ހުއްޓެވެ.