• ރ. ދުވާފަރުން އަލީ އަފާފް ރަމީޒް

އަންނަ ދައުރުގައި ރ. ދުވާފަރުގައި އެއާޕޯޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބަށް މިރޭ މި ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ރައީސް ވިދާޅުވީ މި ރަށަށް ވަޑައިގެން ސަލާމްކުރައްވަމުން ގެންދެވި އިރު، ކޮންމެ ތިން ބޭފުޅަކުން އެއް ބޭފުޅަކު ސިއްރު ސިއްރުން އެދުނީ އެއާޕޯޓެއް ހަދައިދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަމުންދާ އެންމެ މުހިންމު އެއް ކަމަކީ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލުން ކަމަށެވެ. އެއީ ކަނޑުމަގުންނާއި ވައިގެ މަގުން ކަމަށެވެ. އެގޮތުން 20 ނުވަތަ 30 މިނެޓުން ދެވޭ އެއާޕޯޓެއް ކޮންމެ ރަށެއްގެ ކައިރީގައި ހެދުމަކީ ވައުދެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ އެ އިހުސާސްތައް އަޅުގަނޑާ ހިސާބަށް މިއަދު ލިބުމުގެ ސަބަބުން ޕްލޭނިން މިނިސްޓަރާ އެ މަޝްވަރާކޮށްފިން. އަޅުގަނޑުގެ ޕޮލިސީ ޓީމާއެކު އެ މަޝްވަރާކޮށްފިން މިތަނަށް އައުމުގެ ކުރިން. އަޅުގަނޑުމެން ނެތިން ތިބޭފުޅުންގެ އިހުސާސްތައް ބޮލާލައި ޖަހާކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހުށަހެޅުމާއެކު ޕްލޭނިން މިނިސްޓްރީ އާއި ޕޮލިސީ ޓީމާއި ފައިނޭންސް ޓީމާއެކު އަދި މަޝްވަރާ ކުރައްވާނެ ކަމަށާއި އުންމީދު ނަގައިނުލުމަށް އެދޭ ކަމަށެވެ. މި ރަށުގެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެއްސުމަށްޓަކައި ކުރެވޭނެ ހުރިހާ ކަމައް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް، ދުވާފަރުގައި އެއާޕޯޓެއް ތަރައްގީކުރުމަށް ނިންމަވާފައިވާ އިރު، މި އަތޮޅުގެ ދެކުނު ބިތުގެ އެއާޕޯޓް ބެރިޔަންފަރުގައި ހެދުމަށް ރައީސް ވަނީ ނިންމަވައިފައެވެ.