ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ބަޖެޓު ދިނުމަށް މިހާރު ކަނޑައަޅާފައިވާ ބްލޮކް ގްރާންޓް ފޯމިއުލާއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ބްލޮކް ގްރާންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ޕަސެންޓް އިތުރުކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ބ. ދަރަވަންދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ހަތަރުވަނަ ސިޔާސަތު، "ހެޔޮވެރިކަން" ވަނީ އިފުތިތާހުކޮށްފަ އެވެ. ސިޔާސަތު އިފުތިތާހު ކޮށްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހެޔޮވެރިކަން ބަހާލާފައިވަނީ ފަސް ބަޔަކަށެވެ. އެއީ ލާމަރުކަޒީ ނިޒާމު ވަށާޖެހުން، އިންސާފު ގާއިމުކުރުމުގެ ނިޒާމު ފުރިހަމަކުރުން، ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުން، މިނިވަން ހާރިޖީ ސިޔާސަތު ދެމެހެއްޓުން އަދި ލާމެހިފައިވާ ދިފާއުއެވެ.

މި ހަތަރު ބައިގެ ތެރެއިން ލާމަރުކަޒީ ނިޒާމު ވަށާޖެހުމުގެ ދަށުން ތިން ކަމެއް ހިމަނާފައިވެއެވެ. އެއީ ހަރަކާތްތެރި ފުދުންތެރި ކައުންސިލްތައް އުފެއްދުން، ކައުންސިލްތަކުގެ ހިންގުން ލުއިފަސޭހަކުރުން އަދި ފުރިހަމަ މާނައިގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމެވެ.

އޭގެ ތެރެއިން ހަރަކާތްތެރި ފުދުންތެރި ކައުންސިލްތައް އުފެއްދުމުގެ ދަށުން ހަތް ކަމެއް ކުރިއަށް ރާވާފައިވެއެވެ. އެއީ:

  • - ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ފޯމިއުލާއަށް ބަދަލުތައް ގެނެސް، ބްލޮކް ގްރާންޓް އިތުރުކުރުން
  • - ކައުންސިލްތަކުން މާލީ އިދާރާތަކާ ގުޅިގެން ލޯނު ނެގުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުން
  • - ކައުންސިލްތަކުން ސަރަހައްދީ ކޮމިއުނިޓީ ބޭންކް ގާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން
  • - ރަށު ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ދޭން އަތޮޅު ކައުންސިލުތައް ރިސޯސް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުން
  • - އަތޮޅުގެ ރައްޔިތުން ޕިކްނިކް ދިއުމަށްޓަކައި، ކޮންމެ އަތޮޅަކަށް މަދުވެގެން އެއް ޕިކްނިކް އައިލެންޑް ހަމަޖެއްސުން
  • - ކައުންސިލްތަކާ ހަވާލުކުރެވޭ ފަޅުރަށްތައް ބަލަހައްޓާނެ އުސޫލެއް އެކުލަވައިލައި އާންމު ކުރުން
  • - ލޯކަލް ކައުންސިލްތަކުގެ ގާބިލުކަން އިތުރުކޮށް އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ގާބިލު ފަންނީ މީހުން އަތޮޅުތެރެއަށް ހިދުމަތްކުރަން ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން، މާލެ ނޫން އަތޮޅުތެރޭގެ ސިޓީ ނުވަތަ ރަށަކަށް ހިދުމަތްކުރަމުންދާ ފަރާތްތަކަށް، މަތީ ތައުލީމަށް ކިޔެވުމަށް ދޭ ލޯނު ދިނުމާއި ސްކޯލަޝިޕްގެ ތެރެއިން ވަކި އަދަދެއް ހާއްސަ ކުރުން