މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

ޔުމްނާއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ސްލޮޓުގައި މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ.

ޔުމްނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރެއްވުން މުހިންމު ކަމަށެވެ.

"ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިންމު،" ޔުމްނާ ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވަން ޔުމްނާ ނިންމެވި އިރު، ޔުމްނާގެ ބޭބެ ފާރިސް މައުމޫން ވެސް އިންތިހާބުގައި ވާދަކުރައްވައެވެ. އެމްއާރުއެމްގެ ރައީސްކަން ކުރައްވާ ފާރިސް ވާދަކުރައްވަނީ އަމިއްލަގޮތުންނެވެ.

މިފަހުން އެމްއާރުއެމުން ބޭއްވި ބައްދަލުވުންތަކުގައި ވެސް ޔުމްނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭނާ އެ ޕާޓީން ވަކިވެވަޑައިގެންފައިވާކަން ނުވަތަ ނޫންކަން ވިދާޅުވެފައެއް ނުވެއެވެ.

އެމްއާރުއެމްގެ ސްލޮޓުގައި ސްޓޭޓް މިނިސްޓަރު އަދި ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ބައެއް ބޭފުޅުން ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރެއްވުމަށް ނިންމަވައިފައެވެ. އޭގެ އިތުރުން ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރައްވާ އެމްއާރުއެމްގެ ބައެއް މެންބަރުން، ރައީސް ސޯލިހަށް ތާއީދުކުރެއްވުމަށް ޕާޓީން ވަކިވެވަޑައިގެންނެވިއެވެ.