- ބ. އޭދަފުށިން އަލީ އަފާފު ރަމީޒު
މިރަށަށް އިއްޔެ މެންދުރުފަހު އައުމުގެ ކުރިން ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ މި ރަށުގެ ބަނދަރު މަތީގައި އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީޕީއެމާއި އެމްޑީޕީގެ ބެނާތަކާއި ދިދަ ފޮތިތައް ދަމާފައިވާ މަންޒަރެވެ. އެންމެންގެ ނަޒަރު އެންމެ ބޮޑަށް އަމާޒުވީ ރަށުގެ ރަސްމީ ފާލަމުގައި އެންމެ ތަންފުކެއްވެސް ދޫނުކޮށް ދަމާފައި އޮތް ސިޔާސީ ކުލަ ފޮތިތަކެވެ. އެހެންވެ މި ރަށުގެ ސިޔާސީ ވާދަވެރިކަން ވަރަށްވެސް ބޮޑުވާނެ ކަމަށް އޮތީ ބެލެވިފައެވެ.
މިރަށަކީ ޕީޕީއެމާއި އެމްޑީޕީގެ ވެސް ތާއީދު ބޮޑު ރަށެކެވެ. ހާއްސަކޮށް މިރަށުގެ ބޮޑު މެޖޯރިޓީއެއް އަބަދުވެސް ތާއީދު ލިބިގެން ގޮސްފައިވަނީ ޕީޕީއެމަށެވެ. އެހެންކަމުން ސިޔާސީ ފޯރި ގަދަ މިރަށުންވެސް ބެލެވިފައި އޮތީ އެހެން ބައެއް ރަށްރަށުގައިވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާ ވަގުތު ފެންނަ މަންޒަރުތައް ނުވަތަ ހަމަނުޖެހުން ފެނިގެންދާނެ ކަމަށެވެ.
ނަމަވެސް މަންޒަރު ފެނުނީ ދިމާ އިދިކޮޅަށެވެ. މިރަށަށް ރައީސް ވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެމްޕޭނަށް މުޅި ބަނދަރު އޮތީ ހިބައިން ދީފައެވެ. ސިޔާސީ ހަރަކާތްތައް އެއްވެސް އުނދަގުލެއް ނެތި ކުރިއަށް ގެންދިއުމަށް އޮތީ އަމާން އޮމާންކޮށް މަގު ކޮށައިދީފައެވެ. ޕީޕީއެމް ނުވަތަ ރައީސް އިބޫއާ ދެކޮޅަށް އަޑު އުފުލައިލާނެ ނުވަތަ ރައީސާ ދެކޮޅަށް އެއްވެސް އެއްޗެއް ލިޔެފައިވާ ބެނާއެއް ވެސް ބަނދަރު ސަރަހައްދުން ފެންނާކަށް ނެތެވެ.
އެންމެންގެ ސަމާލުކަން ދަމައިގަތް، އެރަށުގެ ރަސްމީ ފާލަން ވެސް އޮތީ ފަޅަށެވެ. އެ ފާލަމުގައި ދަމާފައި ހުރި ހުރިހާ ފޮތިތަކެއް ވަނީ ނަގައިފައެވެ. އެމްޑީޕީ އަދި ޕީޕީއެމުންވެސް ކުލަ ފޮތިތަކުން ޖަރީކުރި މުޅި ފާލަން މިހާރު އޮތީ ފޮތިތަކުން މިނިވަން ކޮށްފައެވެ.
ރައީސާ ދެކޮޅު ހަރަކާތްތައް ކުރިއަށް ނުގެންދާ ސަބަބު އެރަށު ޕީޕީއެމްގެ އިސް އެއް ފަރާތް އަދި އެރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގު ވަނީ ވަރަށް ސާފުކޮށް ތިލަކޮށް ދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ކެނޑިޑޭޓަކަށްވެސް ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ދޭން ޖެހޭނެ ކަމަށް ދެކޭތީ އެރަށު ޕީޕީއެމް ސަޕޯޓަރުން ނިންމީ އެއްވެސް ވަރަކަށް އެކަމަށް ހުރަސް ނޭޅުމަށެވެ.
"ކުރީ ރޭ ކައުންސިލުން ޕީޕީއެމާ އެކު ބޭއްވި ބައްދަލުވުމުގައި ސަޕޯޓަރުން ނިންމީ އެކަމުގައި އެއްވެސް ވަރަކަށް ހަރަކާތްތެރި ނުވުމަށް. އަޅުގަނޑުވެސް ގަބޫލު ކުރަނީ ކޮންމެ މީހަކަށްވެސް ހަމަހަމަކަމާއެކީގައި ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެގޮތުން ދެން ޕީޕީއެމް މެންބަރުންވެސް ފުރުސަތުދޭން ހަމަ ނިންމީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެރަކީ އެއް އާއިލާއެކެވެ. އެއީ އެމްޑީޕީ ވިޔަސް، ޕީޕީއެމްވިޔަސް އަދި ފުލުހުން ކަމުގައިވީ ނަމަވެސްއެވެ. ފަސް އަހަރުން އެއް ފަހަރު އަންނަ އިވެންޓެއްގައި ފޯރިޔާއެކު، މިނިވަންކަމާއެކު އެކަންކަން ކުރުމުގެ ފުރުސަތު ދިނުން މާ މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެއީކަންނޭންގެ އޮންނަން ޖެހޭނެ ގޮތަކީވެސް ހަގީގަތުގައި. ދެން ރައީސަކު ދެކެ ހިތްހަމަ ނުޖެހޭނަމަ އިންތިހާބުން އެ ބަދަލު ގެންނަންވީ އެ އަޒުމުގައި އަޅުގަނޑުމެން މިތިބީ. ހަޅުތާލު ކޮށްގެން މުޒާހަރާ ކޮށްގެން އެކަންކަން ކުރާކަށް ނޫން. ނަތީޖާ ނެރޭނީ ސެޕްޓެމްބަރު ނުވައެއްގައި ނަގާ ވޯޓުން،" އޭނާ ވިދާޅުވިއެވެ.
އެރަށުގެ ޕީޕީއެމާއި އެމްޑީޕީއާއެކު ކައުންސިލުން ވެފައިވާ އެއްބަސްވުމަކީވެސް ހަމަޖެހުމުގެ އަސްލެވެ. އެގޮތުން އިލެކްޝަންގެ ގަވާއިދާ އެއްގޮތަށް ކެމްޕޭން ހަރަކާތްތައް ހިންގުމަށާއި ކައުންސިލް ހުއްދައާ އެކު ނޫނީ އެރަށުގައި ކެމްޕޭން ހަރަކާތްތައް ނުހިންގޭނެ ކަމަށް އެ ދެ ޕާޓީންވެސް ވަނީ ކައުންސިލާ އެކު އެއްބަސްވެފައެވެ.
"ކުރިން ރަސްމީ ފާލަމުގައި ދަމާފައި އޮތް ދިދަތައް ފެނުމުން އެކަން އެނގިގެން ދާނެ. ދެން އަޅުގަނޑުމެން ދެބައި މީހުން ގެނެސް ބުނީ ރަސްމީ ފާލަމޭ މީ. މިރަށުގައި ހަމަނުޖެހުމެއް ހިނގައިދާނެ ކަމަށް، ދެ ޕާޓީއަށްވެސް އިލްތިމާސް ކުރަމޭ ނަގައިދިނުމަށް. އަމާން އޮމާންކަމާއެކު ދެ ޕާޓީން ގޮސް ނަގައިފި،" އޭނާ ވިދާޅުވިއެވެ.
ޕީޕީއެމާއި އެމްޑީޕީގެ ވެސް އަމާޒަކީ އެންމެނަށް ނަމޫނާ ދެއްކުމެވެ. ދެ ޕާޓީއަށްވެސް ސިޔާސީ ހަރަކާތްތައް ހަމަހަމަކަމާއެކު މިނިވަން ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމެވެ. ރާއްޖޭގެ އެހެން ރަށްރަށަށް ދައްކަން ބޭނުންވީ އެ ނަމޫނާއެވެ. އަލީ ޝަފީގުވެސް ވަނީ އެހެން ރަށްރަށުން އޭދަފުށި ނަމޫނާއަކަށް ނަގައި ނަމޫނާއަކަށް ބަލަން އިލްތިމާސް ކުރައްވައިފިއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް