ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް އެޕާޓްމެންޓުން ފުލެޓު ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ.

އެ މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް 10 އަދި ހިޔާ ފްލެޓް ދޭއްގެ ކައިރީ އޮންނަ ހުސްބިމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. ވިނަރެސް ފްލެޓުތަކަށް ކުރިމަތިލީ 131 މީހުންގެ ތެރެއިން މިއަދު ތަޅުދަނޑި ހަވާލުކޮށްފައިވަނީ ޝަރުތު ހަމަވެގެން އެތަނުން ފްލެޓު ލިބިފައިވާ ޖުމުލަ 92 މީހަކަށެވެ. އެ މީހުންނަށް ރަމްޒީ ތަޅުދަނޑި ހަވަލުކޮށްދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

ވިނަރެސް ފުލެޓުތަކަކީ ޒަމާނީ ފެންވަރަށް ހަދާފައިވާ ފުލީފާނިޝްޑް ކޮޓަރިތަކާއި އޭސީއާއެކު ބަދިގެ ސެޓްވެސް ހަރުކޮށްފައި ހުރި ފްލެޓްތަކެކެވެ. ވިނަރެސް ފުލެޓުތަކުގައި އަސާސީ ހިދުމަތްތަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކޮށްފައިވާ އިރު، އެތަނަކީ ޕާކިން ފެސިލިޓީއާއި ސުޕަމާކެޓާއި ޖިމާއި ކެފޭ އާއި މޯލްއާއި އޭޓީއެމްގެ ހިދުމަތުގެ އިތުރުން ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ފްލެޓުތަކެކެވެ. އޭގެ އިތުރުން އެ ފުލެޓުތަކަކީ 24 ގަޑިއިރުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ތަނެކެވެ. އެ ފްލެޓުތަކަށް ވަނުމަށް ބޭނުންކުރެވޭނީ ފުލެޓްތަކަށް ދިފައިވާ އެކްސެސް ކާޑުންނެވެ.

އެ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ގުޅިފަޅުން ފުލެޓު ލިބިފައިވާ މީހުންނާއި ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކަށް ވިނަރެސް އިން ފުލެޓު ހޯދުމުގެ ފުރުސަތު މި ސަރުކާރު ފަހިކޮށްދީފައިވާނެ ކަމަށާއި ގުޅިފަޅުން ފުލެޓު ލިބުނު މީހުންނާ މެދު ކުރީ ސަރުކާރުން ނާއިންސާފުން ކަންތައް ކޮށްފައިވާ ކަމަށެވެ.

"އޭރު ގުޅީފަޅުން 184 ފަރާތަކުން އެތަނުން ފުލެޓު ގަތުމަށް ފައިސާ ދައްކާފައިވޭ. 2017 ވަނަ އަހަރު ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ގުޅިފަޅުން ބޭރުކުރި މީހުންނަށް ވިނަރެސް އިން 18 ފުލެޓު ހަވަލުކުރި،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ގުޅިފަޅުން އޭރު ފުލެޓުތައް ދިން އުސޫލާއި ހަމަތައް އެނގިފައިނުވާ ކަމަށާއި ކުރިން ގުޅިފަޅުން ފްލެޓު ވިއްކަން ހުޅުވާލި ފުރުސަތުގައި 158 މީހުން 184 ފްލެޓު ގަންނަން ފައިސާ ދައްކަން ފެށި ކަމަށެވެ. ނަމަވެސް ފްލެޓު ލިބިފައިނުވާ ބާކީ ތިބި މީހުންނަށް މި ސަރުކާރުން ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފަޅުގެ ފްލެޓަށް ފައިސާ ދެއްކުމަށްފަހުވެސް، ފުލެޓު ނުލިބި ތިބި މީހުންނަށް ގޮތެއް ހޯދައިދިނުމަށް މި ސަރުކާރުން އާބަންކޯއާއެކު މަސައްކަތްތަކެއްކޮށް ވިނަރެސް ފްލެޓު ފުރުހަމަ ތަނެއްގެ ގޮތުގައި ނިންމާލެވިއްޖެ ކަމަށެވެ. އަދި އެ މީހުންނަށް ތަޅުދަނޑި ހަވާލުނުކޮށް ހޭދަވި މުއްދަތުގައި ކޮންމެ މަހަކު 12،000 ރުފިޔާގެ މަގުން ސަރުކާރުން ބަދަލު ހަމަޖައްސައިދީފައިވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ވިނަރެސް ފުލެޓުގެ ތަޅުދަނޑިއާ ހަވާލުވުމަށްފަހު "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އެކަމަކީ 13 އަހަރުގެ ދިގު އިންތިޒާރެއްގެ އުފާވެރި ނިމުމެއް ކަމަށާއި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހޭދަވި ފައިސާ ސަރުކާރުން އަނބުރާ ދައްކަމުންދިއުން ކަމަށެވެ.

އެ ފުލެޓުތައް ލިބުނު މީހުންގެ ދާއީމީ ލިސްޓު އާބަންކޯއިން އާންމުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. ލިސްޓުގައިވާ ގޮތުން 295 މީހުންނަށް ވަނީ ފުލެޓް ލިބިފައެވެ. ވިނަރެސް ފުލެޓު ގަތުމަށް 1،400 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 723 މީހުންކަމަށް އާބަންކޯއިން ވަނީ ކުރިން ބުނެފައެވެ.

ކުރީ ސަރުކާރުން އަޅަން ފެށި ވިނަރެސް ފުލެޓުގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓުގެ ތެރެއިން ގާތްގަނޑަކަށް 1،000 ފުލެޓަށް ހުޅުވާލީ މާލޭގެ ރަށްވެހިންނަށެވެ. އޭގެ އިތުރުން ގުޅިފަޅާއި ސީ ލައިފުން ފުލެޓު ގަތް މީހުންނަށާއި ހިޔާ ފުލެޓު ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދޭން ނިންމިއެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް 100 ފުލެޓު ހާއްސަކޮށްފައިވެއެވެ.

800-900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފުލެޓުތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ ފުލެޓުގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. އަދި ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމެންޓުގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

ވިހި އަހަރަށް ކުލި ބަހާލުމުން ކޮންމެ އެޕާޓްމެންޓަކަށް ވެސް މަހަކު 19،000 ރުފިޔާ އާއި 23،000 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަން ޖެހެއެވެ. އެގޮތަށް ކުލި ބަހައިލުމުން ފުލެޓުގެ ޖުމުލަ އަގު 4.9 މިލިއަން ރުފިޔާ ނުވަތަ 6 މިލިއަން ރުފިޔާއަށް ބޮޑުވާނެއެވެ.

ޑައުންޕޭމެންޓުގެ ގޮތުގައި 20 ޕަސެންޓް ދައްކައިގެން، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަގެއް ފުލެޓަށް ދައްކަން ޖެހެއެވެ. އޭރުން ފުލެޓުގެ ޖުމުލަ އަގު 5.5 މިލިއަން ރުފިޔާ އާއި 7.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެއެވެ.

ޖުމުލަ 1404 އެޕާޓްމަންޓުގެ ދިހަ ޓަވަރު ހިމެނޭ އެ މަޝްރޫއަކީ 2010 ވަނަ އަހަރު ޗައިނާގެ ސީމެކް ކުންފުންޏާއެކު ހުޅުމާލެ ފޭސް އެކެއްގައި 1000 ފްލެޓު އަދި ހުޅުމާލެ ފޭސް ދޭއްގައި 1500 ފްލެޓު އެޅުމަށް ހަވާލުކުރި އެއްބަސްވުމުގެ ދަށުން ފުރިހަމަކުރި މަޝްރޫއެކެވެ.