ޚަބަރު

ހައިކޯޓުގެ ނުރުހުން ދައުލަތަށް: ކޯޓު އިމާރާތް އަޅަންދާންވީ ފަނޑިޔާރުންތޯ؟

ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގެ އެއްބައި ވެއްޓި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވަނިކޮށް، ގާނޫނުގެ ރޫހަކީ ޝަރީއަތްތައް އަވަސްމިނުގައި ކުރިއަށް ގެންދިއުން ކަމަށް ބުނެ އެ ކޯޓުގެ ނިންމުމަކަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ފާޑުކިޔުމުން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ހޫނު ރައްދެެއް ދެއްވައިފިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދެ ދައުވާއެއްް އުފުލާފައިވާ އަހުމަދު އަމްނު ކިޔާ މީހެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިތަކާހުރެ އެ މައްސަލަ ދިގުލައިގެންދާނެތީ އެ ކޯޓުން އޭނާ ދޫކޮށްލުމުން، އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލައިގައި ހައިކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ޕީޖީގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ، ބަންދުން މީހުން ދޫކޮށްލަން ޖެހޭނީ ގާނޫނުގައި ބުނާ ސަބަބުތައް އޮވެގެން ކަމަށާއި ގާޒީއަށް އޭގެ ބޭރުން ކަމެއް ފެނިވަޑައިގަތަސް ބަންދުން ދޫނުކުރެވޭނެ ކަމަށާއި ގާނޫނީ ރޫހަކީވެސް އެއީ ކަމަށެވެ.

އެހާ ހިސާބުން، މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ޕީޖީ ވަކީލުގެ ވާހަކަ ހުއްޓުވައި ކްރިމިނަލް ކޯޓުގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރެއްވިންތޯ ސުވާލު ކުރައްވައިފައެވެ.

"މުޖުތަމައުއަށް ނުރައްކާވާ ހާލަތު އޮވެ އޭނާ ފުރަތަމަ ބަންދުކުރި ހާލަތު ފިލައިގެން ނުދާ ހިނދުގައި ހަމައެކަނި ތަނެއްގެ ހާލަތަށް ރިއާޔަތް ކޮށްގެން ބަންދުން ދޫނުކުރެވޭނެ. އެގޮތަށް އެކަން ކުރެވޭ ކަމަށްވާ ނަމަ، ޝަރީއަތް ނިމެންދެން ބަންދުކުރާ އެންމެންވެސް މިގޮތަށް ދޫކުރެވެން އޮންނާނެ. އެކަން އެގޮތަށް ކުރެވިދާނެ ކަމަކަށް ނުދެކެން،" ފަނޑިޔާރުގެ ސުވާލަށް ޖަވާބު ދެއްވަމުން ނައުޝާދު ވިދާޅުވިއެވެ.

ނައުޝާދުގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު ވިދާޅުވީ، ކްރިމިނަލް ކޯޓަކީ މި ސަރަހައްދުގެ ހުރިހާ ޖިނާއީ މައްސަލަތައް ކުރިއަށްދާ ކޯޓު ކަމަށާއި އެ ކޯޓުގެ އެއްބައި އޮތީ ވެއްޓިފައި ކަމަށެވެ. އަދި ފަނޑިޔާރުން ޑިއުޓީ ބަހައިގެން މަސައްކަތް ކުރަމުންދާއިރުވެސް މައްސަލަތައް ފުނިޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ ދައުލަތަށް ނޭނގިގެން އޮތް ކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ކްރިމިނަލް ކޯޓު ވެއްޓިފައި އޮތް ކަމާއި އެ ތަނުގައި ޝަރީއަތްތައް ނުގެންދެވޭ ކަމާއި އެތަނަށް އެތައް ބައިވަރު މައްސަލަތަކެއް ހުށަހެޅިފައި އޮތް ކަމާއި ޑިއުޓީ ބަހައިގެން ޝަރީއަތް ކުރަންޖެހޭ ކަމާއި އެ ތަނުގައި މައްސަލަތައް ކުރިއަށް ނުގެންދެވި އޮތީ އެ ތަނުގެ ދަތިކަމުންކަން. އެހެންވީމާ އެކަންކަން ހައްލުކުރެވެން ޖެހޭނީ. ހައްލު ކުރެވިގެން އޭގެ ފަހުގައި ތި އުސޫލުން ވާހަކަ ދެއްކޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެންވީމާ ގާނޫނުގެ ރޫހަކީ އަވަހަށް ޝަރީއަތް ހިންގުމޭ ކިޔާފައި ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހަދައި ނުދީ އެގޮތަށް އައިސް ހައިކޯޓުގައި ވަކާލާތުކުރިޔަސް އަޅުގަނޑުމެން ކޮން ފަރުވާއެއްތޯ ދޭނީ. އަޅުގަނޑުމެންތޯ ކޯޓު އަޅަންދާންވީ؟ ޝަރީއަތުގެ މާލަން ބިނާކުރަންދާންވީ ފަނޑިޔާރުންތޯ؟،" ނިޔާޒު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބާވެ، އެތަނުގެ ބައިތައް ވެއްޓޭތީ އެ ކޯޓު ހިންގުން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް-19 ފެސިލިޓީއަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު އޮތީ ނިންމައިފައެވެ. ނަމަވެސް އެ މަސައްކަތް އަދިވެސް ނުނިމެއެވެ.