ހުޅުމާލެ ހޮސްޕިޓަލުގެ ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމެންޓް (ސީއެސްއެސްޑީ) ތަރައްގީކުރުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރުމަށް އެ ކުންފުނީގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގައި ސީއީއޯ މާރިޔާ ސައީދެވެ. އަދި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.

ސީއެސްއެސްޑީ އަކީ ހޮސްޕިޓަލުތަކުގައި އާންމުކޮށް ބޭނުންކުރާ ތަކެތި (އިންސްޓްރޫމެންޓް، ގޯޒް، ކޮޓަން، ޑްރެސިންގައި ބޭނުންކުރާ ތަކެތި) ސާފުކޮށް، ޖަރާސީމު ނައްތާލައި، ސްޓެރިލައިޒްކުރުމަށް ބޭނުންކުރެވޭ ޑިޕާޓްމެންޓެކެވެ. އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ އެކަށޭނެ ސެޓަޕެއް ކުރަހައި، އެ ޑިޕާޓްމެންޓްގެ އިންޓީރިއާ ހުރިހާ މަސައްކަތަކާއި، އިކުއިޕްމެންޓްތައް ގެނައުމާއި، އިންސްޓޯލްކުރުން އަދި ބޭނުންވާ ޓްރެއިނިންތައް ދިނުމަށް ހަމަޖެހިފައިވެއެވެ.

އެ ސެޓަޕް ގެންނަނީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ "މަޓަޗާނާ" ކުންފުނި މެދުވެރިކޮށެވެ. "މަޓަޗާނާ" ކުންފުންޏަކީ ސިއްހީ ދާއިރާގައި ކުރިއަރާފައިވާ ތަޖުރިބާހުރި ކުންފުންޏެކެވެ.

ރާއްޖޭގައިވެސް މި ބްރޭންޑުގެ ސްޓެރިލައިޒޭޝަން އިކުއިޕްމެޓް އެސްޓީއޯގެ ފަރާތުން ވަނީ އިންސްޓޯލްކޮށް ހިދުމަތް ފޯރުކޮށްދީފައެވެ. އެގޮތުން އައިޖީއެމްއެޗްގެ ސީއެސްއެސްޑީއަކީ ވެސް މަޓަޗާނާގެ ފުލީ އިކުއިޕްޓް ސެޓަޕެއްކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކަށްވެސް ސީއެސްއެސްޑީއެއް ވަރަށް މުހިންމު ކަމަށާއި އެއީ އޮޕަރޭޝަން ތިއޭޓަރު ފަދަ ތަންތަނުގައި ބަލިމީހާއަށް އެންމެ ރައްކާތެރިކޮށް ފަރުވާދެވޭނީ ރަނގަޅު ސީއެސްއެސްޑީއެއް ހުރެގެން ކަމަށެވެ. އެގޮތުން މިހާރު ހަލުވިކަމާއެކު އާބަދުވަމުން އަންނަ ހުޅުމާލޭގައި ހުންނަ، އަދި އެތަނުގެ ހިދުމަތް ހޯދުމަށް އަތޮޅުތެރެއިންނާއި މާލެ ސަރަހައްދުގެ ގިނަ ބަޔަކު ދާ ހޮސްޕިތަލަކަށް ވުމާއެކު، އެ ހޮސްޕިޓަލަށް ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީއެއްގެ ބޭނުން ވަރަށް މުހިންމު ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެވޭނެ އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ހައްލުތަކާއި އެހީވެދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އާންމު ރައްޔިތުންނަށް އެކަމެއްގެ ސަބަބުން ވީހާވެސް ބޮޑު މަންފާއެއް ލިބޭނެ ފަދަ ކަންތައްތައް ކުރުމަށް އެ ކުންފުނިން އިސްކަންދެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ސީއެސްއެސްޑީ ތަރައްގީކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ 262 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.