ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ލިބުނު ބައެއް މީހުންގެ އަތުން މި ސަރުކާރުން ވަނީ ފުލެޓު އަތުލައި އެހެން ބަޔަކަށް ދީފައި ކަމަށާއި، އެ މީހުންނަށް އޭނާގެ ވެރިކަމެއްގައި ފުލެޓު ދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު އެގޮތަށް ވިދާޅުވީ އޭނާގެ މެނިފެސްޓޯ "ދިވެހީންގެ ރާއްޖެ" ލޯންޗުކުރުމަށް ހިޔާ ސަރަހައްދުގައި މިރޭބޭއްވި ރަސްމިއްޔާތުގައެވެ.
"ރައީސް ޔާމީން ވެސް ވެވަޑައިގެންފައިވާ ވައުދު، އަޅުގަނޑުމެން ވެސް ތަކުރާރުކޮށްވާ ވައުދު، އުނިކުރި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުމެންގެ ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފްލެޓު ލިބޭ ފަރާތްތަކުގެ ތެރޭގައި އެ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކަށް ފްލެޓު ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ފުލެޓު ދޭނެ ފަރާތްތަކަކީ އަލަތު ކައިވެނި ފުލެޓާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފްލެޓު އަދި އިތުރު ކެޓަގަރީތަކުން ކަމަށެވެ.
ހިޔާ ފުލެޓު ލިބުނު 3،000 މީހެއްގެ އަތުން މި ސަރުކާރުން ވަނީ ފުލެޓު އަތުލައިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހިޔާއިން މާލޭ ރަށްވެހިންނަށް ފުލެޓު ދިން އިރު، ކުރީ ސަރުކާރުން އާންމުކުރި ލިސްޓުގައިވާ ނަރުހުންނާއި ޑޮކްޓަރުންގެ އަދި ޓީޗަރުންގެ ތެރެއިން ފުލެޓު ލިބުނު މީހުން އުނިކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ބައެއް ސަރުކާރު ކުންފުނިތަކުން ހަދަން ފަށައިފައިވާ ފުލެޓުތަކުގެ މަސައްކަތް ހުއްޓާލުމުން ވެސް ބައެއް ފަރާތްތަކަށް ފުލެޓު ލިބިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުން ކަނޑައެޅި ހިޔާގެ ކޮމާޝަލް އޭރިއާއަކީ ފުލެޓު ދިނުމަށް ކުރީގެ ސަރުކާރުން ކަނޑައެޅި ސަރަހައްދެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު ގޯތި ލިބުނަސް، އެ ގޯތީގައި ގެދޮރެއް އިމާރަތް ކުރެވޭނެ މާލީ ގާބިލުކަން އެ ގޯތީގެ ވެރިންނަށް ލިބިފައިނުވާ ކަމަށާއި ގެދޮރު ހެދުމަށް ބޭންކުން ލޯނު ދޫކުރަނީ ބޮޑު އިންޓްރެސްޓެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން ގޯތި ހަދަން ޖެހެނީ ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ. ޕްރައިވެޓް ކުންފުންޏާ ގެދޮރު ހަދަން ހަވާލުކުރަނީ 25 އަހަރުގެ ކުއްޔަކަށް ކަމަށާއި އެ މުއްދަތުގައި ގެދޮރުވެރިޔާއަށް ލިބެނީ ދެ ފަންގިފިލާ ކަމަށެވެ. އަދި އެކަމުގެ ސަަބަބުން ގޯތި ދިނުމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ނުކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ގޯތިތައް ހެދުމަށްޓަކާ ސަރުކާރުން ހާއްސަ ފަންޑެއް، ކަމާގުޅޭ އެސްއޯއީއެއް، ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ކަމާގުޅޭ ކުންފުންޏެއް މެދުވެރިކޮށް ހާއްސަ ފަންޑެއް އުފައްދައި އެ ފަންޑުން މި ގޯތިތައް ލިބުނު ފަރާތްތަކަށް، އެ ގޯތިތައް ލިބުނު ފަރާތްތައް ބޭނުންވާ ރިކުއާމެންޓަކަށް، ބޭނުންވާ ޑިޒައިނަކަށް، ބޭނުންވާ އުސްމިނަކަށް، އެ ގޯތިތަކުގައި ގެދޮރު އަޅުގަނޑުމެން ބިނާކޮށްދޭނީ. ބިނާކުރީމާ ދެން ވާގޮތަކީ އެހެރީ އެފެކްޓު ކުރިއޭޓުވެފަ. އޭގެ އެސެޓުން އާމްދަނީ ހޯދޭނެ. އިންކަމް ވަންނަތަން ބޭންކަަށް ފެންނާނެ،" މުއިއްޒު ވިދާޅުވިއެވެ.
"ދެން އެއްކަލަ ނިކަމެތި މީހާ ބޭންކަށް ގޮސް ތިމަންނަގެ އެސެޓު މިހިރީއޭ، ތިމަންނައަށް އެބަ އިންކަމް ލިބޭ. އެހެންވީމާ މި ސަރުކާރުން ހާއްސަ ފަންޑަކުން އަޅައިދިން ގެ ތިމަންނަ ގަންނަން ބޭނުންވެޔޭ، ރީ ފައިނޭންސްކޮށް. އެއްކަލަ މީހާއަށް ފަސޭހަކަމާއެކު ބޭންކުން ރީ ފައިނޭންސް ލޯނުދީ، އެ މީހާއަށް އެ މީހާގެ ގޯތީގައި އެޅި ގެ ލިބި، އެއްކަލަ ސްޕެޝަލް ފަންޑުގެ ތެރެއިން ކުންފުނި މެދުވެރިކޮށް އަޅައިދިން ގެއަށް، އެއްކަލަ ކުންފުންޏަށް، އެ ކުންފުނިން އިންވެސްޓުކުރި ފައިސާއަށް ޕްރޮފިޓާއެކު އެ ކުންފުންޏަށް ވެސް ފައިދާވެ، ދައުލަތަށް ފައިދާވެ، ސަރުކާރަށް ފައިދާވެ، އެންމެނަށް ފައިދާވެ މައްސަލަ ހައްލުވީ،"
އަދި އަލަށް ގޯތި ހަދާ މީހުންނަށް ހާއްސަކޮށްގެން ހޯމް ސްޓާޓަޕް ލޯން، ގެދޮރު ބާވުމުގެ ސަބަބުން އަލުން އިމާރަތްކުރަން ބޭނުންވާ ފަރާތަކަށް ހޯމް ރީ ފައިނޭންސް ލޯނު އަދި ފައިސާ ނެތިގެން ގެދޮރުގެ ހެދުމުގެ މަސައްކަތް ހުއްޓިފައިވާ މީހުންނަށް ހޯމް ކޮމްޕްލީޝަން ލޯނު ދޫކުރާނެ ކަމަށާއި އެކަން ކުރާނީ މުޅިން އާ ޑިވެލޮޕްމެންޓް ބޭންކެއް އުފައްދައިގެން ފަސް ޕަސަންޓު އިންޓްރެސްޓު ރޭޓުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަމާޒަކީ 20 އަހަރު ދުވަހުން 65000 ގެދޮރު ޔަގީންކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާގެ ވެރިކަމެއްގައި އަލަށް ފަށާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އެކަނިވެރިންނާއި ބައްޕައިންނަށް ދެ ކޮޓަރީގެ 1،000 އެޕާޓުމެންޓު ހާއްސަ ކުރާނެ ކަމަށާއި އަދި ޒުވާން އާއިލާތަކަށް ދެ ކޮޓަރީގެ 3،000 އެޕާޓްމެންޓު ހާއްސަކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ވިލިމާލޭގައި 500 ހައުސިން ޔުނިޓު ހަދައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ސަރުކާރުން ފަށައިފައިވާ މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާވާ މަޝްރޫއުތަކުގެ މަސައްކަތް އޭނާގެ ވެރިކަމެއްގައި ވެސް ހުއްޓައިނުލާ ކުރިއަށްގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ ނުފެށި އޮތް މަޝްރޫއެއް ކަމަށްވިޔަސް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުން ރާއްޖެއަށް ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމަށެވެ. އެގޮތުން އިޖުތިމާއީ މައްސަލަތައް، ކުށްކުރުން އިތުރުވުން، ތައުލީމު ހޯދުމަށް ދިމާވެފައިވާ ދަތިކަން، އިގުތިސޯދީ ކުރި ނޭރުން އަދި ވިޔަފާރި ފުޅާކުރުމަށް ދިމާވެފައިވާ މައްސަލަ އަދި ނަފުސާނީ މައްސަލަތައް ހައްލުވާނީ ބޯހިޔާވަހިކަން ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު