ރައްޔިތުން ހެއްދުމަށް ބޭކާރު ވާހަކައެއް ނުދައްކަވާނެ ކަމަށާއި ދައްކަވާނީ ކުރެވޭނެ ކަންކަމުގެ ވާހަކަ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. ގުރައިދުއަށް މިރޭ ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީީ، މި ސަރުކާރުން ކަންކަން ކުރުމަށް ރައްޔިތުންގެ މަޝްވަރާއާއި ލަފާ ނުހޯދާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި ކޮވިޑުގެ ދުވަސްވަރުގެ އެތައް މިލިއަން ރުފިޔާއެއްގެ ހިޔާނާތުގެ މައްސަލަ އަދިވެސް ކޮޅެއްގައި ނުޖެހޭ ކަމަށެވެ.
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވެވަޑައިގެންނެވި ވައުދެއް ވިއްޔާ ފުއްދެވި ބޭފުޅެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ރައްޔިތުން ހެއްދުމަށް ވާހަކަ ނުދައްކަވާނެ ކަމަށެވެ.
"އަޅުގަނޑެއް މިތަނަށް އަރައި ނުދަންނަވާނަން ނުކުރެވޭ ކަމެއްގެ ވާހަކައެއް، އަދި އެކަން ކުރާނެ ގޮތް ނޭނގޭ ވާހަކައެއް ނުދައްކާނަން. ރައީސް ޔާމީންގެ ކިބައިން އަޅުގަނޑަށް ދަސްވެފައި ހުރީ އެ ގޮތް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ގައުމަށް ތަރައްގީއާއި ހަމަޖެހުން ގެނެވޭނީ އޭނާ ވެރިކަމަށް ގެނެސްގެން ކަމަށާއި، އޭނާ މަސައްކަތްކުރައްވާނީ ރައީސް ޔާމީން ދެއްކެވި މަގުން ކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރު ނުވަވަނަ ދުވަހު ނަގާ ވޯޓަކީ ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ވޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު