އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިން ވާގަސްގެ ހަށިގަނޑުގެ އެކި ތަންތަން ނޫފައިގަނެ، ހާނީއްކަވެފައި ހުރި ކަމަށް ހެކިވެރިއަކު ބުނެފިއެވެ.
މޭރީ މަރާލިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށާއި އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށްވެސް ދައުލަތުން ދައުވާކުރެއެވެ. ލަމްހާއަކީ މާވިންގެ ލޯބިވެރިޔާއެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިވެރިއެއްގެ ހެކިބަސް ނަގައިފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ފުލުހުންގެ ފުލުހުންގެ ކްރައިމް ސީން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ އަޝްފާގު ހަސަން ބުނީ، މާވިންގެ ހަށިގަނޑު ބަލާފާސްކުރި އިރު ކަކޫ ކައިރިން ތިންތަނަކަށް ހާނީއްކަ ވެފައި ހުރި ކަމަށާއި ބަނޑުމައްޗާޢި ކޮނޑުމަތި އަދި ބުރަކަށީގައި ނޫފައިގެންފައި ހުރިކަމުގެ ނިޝާންތައް ހުރި ކަމަށެވެ. އަދި އެ ތަންތަނުގެ ފޮޓޯ ނަގާފައިވާނެ ކަމަށްވެސް ބުންޏެވެ.
އަނިޔާވެފައިވާ ތަންތަން ދެއްކީ މާވިން އަމިއްލައަށް ކަމަށްވެސް އަޝްފާގު ބުންޏެވެ.
ދެން ހެކިބަސް ދިން ފުލުހުންގެ ފިޒިކަލް ލެބޯޓަރީގައި މަސައްކަތް ކުރާ ފްރޮންސިލް އެނަލިސްޓެއް ކަމަށްވާ އިބްރާހީމް ޝަކީބެވެ. އޭނާ ބުނީ މައްސަލަ ތަހުގީގުކުރާ ފަރާތުން އެވިޑެންސް ކޮންޓްރޯލް މެދުވެރިކޮށް ފޮނުވި އިންޖެކްޝަން ފުޅިއެއް ތަހުލީލު ކޮށްފައިވާނެ ކަމަށެވެ.
"ތަހުލީލުން ދެއްކީ އެއީ ބޭނުންކޮށްފައިވާ ފުޅިއެއް ކަމަށް. މަތިގަނޑުގައި ހިމަތޫނު އެއްޗެއް ހަރާފައިވާކަމުގެ ނިޝާން ހުރި، ފުޅީގެ ލިކުއިޑް ސަބްސްޓެސް ހުރީ މަދުވެފައި. ޕެކިން ނައްޓާފައެއް ނެތް،" ތަހުލީލު ކުރީ ކައްޓާއަކާއި ވިޝުއަލް އެގްޒަމިނޭޝަން އަދި ވީއެސްގެ އެހީގައި ކަމަށް އޭނާ ބުންޏެވެ.
މޭރީގެ ފިރިމީހާ މާވީގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.
މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އެއިރު އެތާގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު