ނޭމާ

ބޭނުންވަނީ ކުޅިވަރުގެ ތާރީހުގެ އާ ސަފުހާއެއް ލިޔެލަން: ނޭމާ

ސައުދީ އަރަބިއާގެ އަލް-ހިލާލަށް ސޮއިކޮށް، ކުޅިވަރުގެ ތާރީހު ލިޔެލަން ބޭނުންވާ ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ނޭމާ، ޕީއެސްޖީއާ ދެމެދު ނުތަނަވަސްވެ، އެ ކްލަބު ދޫކޮށް ސައުދީ ލީގަށް ބަދަލުވެފައި ވަނީ 77.6 ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. ނޭމާ އަލް-ހިލާލާ އެކު އެއްބަސްވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމާއެކު ނޭމާ ވެގެންދާނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.

އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި ނޭމާއަށް އަލް-ހިލާލުން މުސާރައިގެ ގޮތުގައި އެކަނިވެސް ދެ އަހަރުން ޖުމުލަ 300 މިލިއަން ޑޮލަރު ޖެހޭނެއެވެ. އަދި އޭގެ އިތުރުން ވިޔަފާރި އެއްބަސްވުންތަކާ އެކު ނޭމާއަށް ދެ އަހަރުން ޖުމުލަ 400 މިލިއަން ޑޮލަރު ޖެހޭނެ ކަމަށްވެސް ނޫސްތަކުން ބުނެއެވެ.

އަލް-ހިލާލުން ނޭމާ ރަސްމީކޮށް އިއުލާނު ކޮށްފައިވާ އިރު، އޭނާ ބުނީ މިހާތަނަށް ޔޫރަޕްގައި ގިނަ ކަންތައްތަކެއް ހާސިލުކުރެވިއްޖެ ކަމަށާއި، މިހާރު ބޭނުންވަނީ އާ ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ. އަދި ސައުދީގައި ކުޅިވަރުގެ ތާރީހު ލިޔެލުމަށް ބޭނުންވާ ކަމަށްވެސް ނޭމާ ބުންޏެވެ.

"އަހަންނަށް ޔޫރަޕްގަ ވަރަށް ގިނަ ކަންތައްތަކެއް ހާސިލުކުރެވިއްޖެ. ހާއްސަ ވަގުތަކެއްވެސް ހޭދަކުރެވިއްޖެ. އެހެން ނަމަވެސް، ދުނިޔޭގެ ކުޅުންތެރިޔަކަށް ވާން އަހަރެން އަބަދުވެސް ބޭނުންވި. އާ ޗެލެންޖުތަކާއެކު އާ ކަންކަން ޓެސްޓްކުރަން އަހަރެން އަބަދުވެސް ބޭނުންވޭ. އަހަރެން ބޭނުންވަނީ ކުޅިވަރު ތާރީހުގެ އާ ސަފުހާއެއް ލިޔެލަން. ސައުދީ ޕްރޯ ލީގުގައި މިހާރު ރަނގަޅު އެނާޖީއެއް އެބަހުރި. ރަނގަޅު ކޮލިޓީ ކުޅުންތެރިންތަކެއް އެބަތިބި،" ނޭމާ އަލް-ހިލާލަށް ސޮއިކުރުމަށްފަހު ބުންޏެވެ.

ނޭމާގެ ސޮޔާއެކު އަލް-ހިލާލުގެ ޗެއާމަން ފަހަދު ބިން ސާދު ވިދާޅުވީ ނޭމާއަކީ "ދުނިޔޭގެ އައިކަން" އެއް ކަމަށާއި، ނޭމާގެ އެޓޭކިން ހުނަރަކީ ހުއްޓުވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ކްލަބަށް ހޫނު މަރުހަމާއެއް ކިޔާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޭމާ 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު 222 މިލިއަން ޔޫރޯގެ އަގުބޮޑު ޓްރާންސްފާއެއްގައެވެ. ބާސާ ދޫކޮށް، ޕީއެސްޖީއަށް ބަދަލުވިފަހުން ނޭމާ އެކްލަބަށް ކުޅުނު 112 މެޗުން އޭނާ ވަނީ 82 ގޯލު ޖަހައިދީފައެވެ. ނޭމާއަށް ޕީއެސްޖީގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސް ކަމަކީ އަނިޔާއެވެ. ނޭމާއަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާ އިރު، ޗެމްޕިއަންސް ލީގަށް ޕީއެސްޖީން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވާ ގޮތް ވެފައި ނުވުމާ އެކު ނޭމާއަށް ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.