ބޭރު ކުޅިވަރު

ލާވިއާވެސް ލިވަޕޫލަށް ބުނީ ނޫނެކޭ، ޗެލްސީން 53 މިލިއަން ޕައުންޑަށް އެއްބަސްވުމަކަށް

ސައުތުހެމްޓަންގެ ބެލްޖިއަމް މިޑްފީލްޑަރު ރޯމެއޯ ލާވިއާވެސް، ލިވަޕޫލަށް ނޫނެކޭ ބުނެ، ޗެލްސީއަށް ދާން ނިންމައިފިއެވެ.

އުމުރުން 19 އަހަރުގެ ލާވިއާ ގެންދަން ޗެލްސީއާއި ސައުތުހެމްޓަން އެއްބަސްވެފައިވާ އަގަކީ 53 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެކެވެ. އޭގެ އިތުރުން ބޯނަސް ފައިސާގެ ގޮތުގައި ފަސް މިލިއަން ޕައުންޑް ދޭންވެސް ވަނީ އެއްބަސްވެފައެވެ.

މިހާތަނަށް ބެލްޖިއަމް ގައުމީ ޓީމަށް އެއް މެޗު ކުޅެފައިވާ ލާވިއާ ގެންދަން މި ޓްރާންސްފާ ސީޒަން ފެށުނީއްސުރެން އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދިޔަ އެއް ޓީމަކީ ލިވަޕޫލެވެ. އެޓީމުން ލާވިއާ ހޯދަން ތިން ބިޑެއް ކުރި ނަމަވެސް، ލާވިއާ ބުނެފައި ވަނީ އޭނާ ދާން ބޭނުންވަނީ ޗެލްސީއަށް ކަމަށެވެ. ލާވިއާ ވެގެންދާނީ މި ހަފުތާ ތެރޭގައި ލިވަޕޫލަށް ނޫނެކޭ ބުނެ ޗެލްސީއަށް ދިޔަ ދެވަނަ މިޑްފީލްޑަރަށެވެ.

ޗެލްސީން މީގެ ދެ ދުވަސްކުރިން އެކުއެޑޯގެ މޮއިސެސް ކައިސޭޑީ، އިނގިރޭސި ރެކޯޑު 115 މިލިއަން ޕައުންޑަށް ގެންގޮސްފައިވާ އިރު، އޭނާ ގެންދަންވެސް ލިވަޕޫލާއި ބްރައިޓަން އެއްބަސްވުމަށް ގޮސްފައިވެއެވެ. އެ ދެ ކްލަބުން އެއްބަސްވުމަކަށް ދިޔަ ނަމަވެސް ކައިސޭޑޯ ނިންމީ ޗެލްސީއަށް ދާށެވެ.

ލާވިއާ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ސައުތުހެމްޓަންއާއެކު 34 މެޗެއްގައި ކުޅެފައިވެއެވެ. ސައުތުހެމްޓަން ރެލިގޭޓްވުމާއެކު ޓީމުގެ ތަރި ލާވިއާ ހޯދަން ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކުން މަސައްކަތް ކޮށްފައިވެއެވެ.

ލާވިއާއަކީ އަންދަލެޗްޓްގެ ޔޫތު ސިސްޓަމުން އުފެދިގެން އައި ކުޅުންތެރިއެކެވެ. އޭނާ 2020 ވަނަ އަހަރު މެންޗެސްޓާ ސިޓީއަށް ގެންގޮސްފައިވާ އިރު، ސިޓީ ޖާޒީގައި އޭނާ އެފްއޭ ކަޕާއި ކަރަބޯއާ ކަޕްގައި ދެމެޗެއް ކުޅެފައިވެއެވެ. އޭގެފަހުން 10.5 މިލިއަން ޕައުންޑަށް ސައުތުހެމްޓަންއަށް ލާވިއާ ގޮސްފައިވާ އިރު، ސިޓީން އޭނާ ވިއްކާލީ އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް ބައިބެކް ކްލޯސްއެއް އެއްބަސްވުމުގައި ހިމަނާފައެވެ.

ސިޓީން ލާވިއާ އަލުން ނުގެންދަނީސް ޗެލްސީން އޭނާ ގަތުމާއެކު، ޓްރާންސްފާ ފީގެ 20 ޕަސެންޓް ސިޓީއަށް ލިބޭނެއެވެ.