މިފަހަރު ވޯލްޑް ކަޕުން މިހާތަނަށް ފެނުނީ މުއްސަނދިނަށް ފުޓުބޯޅަ ވިއްކާލާފައި އޮތް މަންޒަރު ކަމަށާއި ހުރިހާ ދިމާއަކުން ވެސް ފެންނަނީ ފައިސާގެ އަޅުވެތިކަން ކަމަށް ބުނެ ޕަރަގުއާއީގެ ކޯޗު ގުސްޓާވޯ އަލްފާރޯ ފާޑު ކިޔައިފިއެވެ.

ޕަރަގުއާއީން މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ބަލިވީ 4-1 އިންނެވެ. އެއީ އެމެރިކާ ކައިރިންނެވެ. އޭގެފަހުން ކުޅުނު މެޗުގައި ތުރުކީ ކައިރިން 1-0 ގެ މޮޅެއް ހޯދާފައިވާ އިރު، އޮސްޓްރޭލިއާ ބަލިކޮށް ޔަގީންކޮށް ގަދަ 32 ގެ ޖާގައެއް ޔަގީންކުރަން އެޓީމަށް ފުރުސަތު އެބައޮތެވެ.

އަލްފާރޯ އެމެރިކާ އަގުބޮޑުކަމަށް ފާޑު ކިޔާފައި ވަނީ އެޓީމުގެ ތަމްރީނުތައް ކުރިއަށް ދަނިކޮށް ބައެއް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. އެގޮތުން އޭނާ ބުނީ ފުޓުބޯޅައަކީ ހައިހޫނު ކަމަށާއި ފަގީރުކަމުގައި ދިރިއުޅޭ އެތައް ބަޔަކު ލޯބިދޭ، އެންމެންނަށް ފޯރާނެ ކުޅިވަރެއް ނަމަވެސް މިފަހަރު އެކަން އޮތީ އެހެން ނޫން ކަމަށެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިފަހަރު ވޯލްޑް ކަޕް ބާއްވަމުންދާ އިރު، މުބާރާތް ވެފައި ވަނީ ތާރީހުގައި ވެސް ސަޕޯޓަރުންނަށް އެންމެ އަގުބޮޑު މުބާރާތަށެވެ. ބައެއް ސަޕޯޓަރުން އާންމުކޮށް އެންމެ މެޗެއް ބަލަން ވެސް 1500 ޑޮލަރު ހަރަދު ކުރަން ޖެހިފައިވާ އިރު، ފީފާއިން ޓިކެޓް ވިއްކީ ވެސް ޑައިނަމިކް ޕްރައިސިންގައެވެ. ޑިމާންޑާ އެއްވަރަށް ޓިކެޓް އަގުބޮޑުވާ އެ ސިސްޓަމްގެ ދަށުން ޓިކެޓް އަގުވެސް އިންތިހާއަށް އުފުލިފައިވާ އިރު، އެމެރިކާގެ އެތެރޭ ދަތުރުފަތުރު ވެސް ވޯލްޑް ކަޕާ ދިމާކޮށް ހިލޭ ކޮށްދީފައެއް ނުވެއެވެ. އެއީ މީގެ ކުރިން ގަތަރާއި ރަޝިއާގައި ވެސް ސަޕޯޓަރުންނަށް ހިލޭ ހުރި ކަންކަމެވެ. އަދި ވިސާގެ ހަރަދުވެސް އެމެރިކާގެ އިތުރުން ކެނެޑާއަށް ވެސް އިންތިހާއަށް ބޮޑުވުމުގެ ޝަކުވާ ސަޕޯޓަރުން ވަނީ ކޮށްފައެވެ.

"އަހަންނަށް އެނގޭ ހުރިހާ އެންމެންވެސް މި ވޯލްޑް ކަޕާ ހެދި އުޅެނީ ވަރަށް ހާލުގައި. އެއީ ދަތުރުކުރުމުގެ ކަންކަމުގައި އަންނަ އުނދަގުލާވެސް އެކު. މި ވޯލްޑް ކަޕް ހައްދުން ނައްޓައިގެން ގޮސްފައިމިވަނީ. އެއީ ހަރަދުގެ ގޮތުން. އެތައް ގުރުބާނީއެއް ވެގެން ސަޕޯޓަރަކަށް ޓިކެޓެއް މި ގަނެވެނީ،" އަލްފާރޯ ބުންޏެވެ.

ޕެރަގުއާއީގެ ކޯޗު ގުސްޓާވޯ އަލްފާރޯ ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ/ ރޮއިޓާސް

"ފުޓުބޯޅައިގެ އަސްލު ގެއްލިއްޖެ. ފުޓުބޯޅައަކީ ހުސްއެކަނި ވިޔަފާރިއަކަށް ވެގެން ނުވާނެ. ފުޓުބޯޅަ ވާން ޖެހޭނީ ފުޓުބޯޅައަށް. ވަކި ބަޔަކަށް ނޫން، އާދައިގެ މީހާއަށްވެސް އުފާވެރިކަން ލިބެން ޖެހޭ ކުޅިވަރެއް މިއީ،" ކޯޗު އަލްފާރޯ ފާހަގަކުރިއެވެ.

ދެކުނު އެމެރިކާއަށް ނިސްބަތްވާ ޕަރަގުއާއީގެ އެތައް ސަޕޯޓަރުންނަކަށްވެސް މެޗުތަކަށް ދާނެ ގޮތްތައް ހޯދިފައި ނުވާ އިރު، އަލްފާރޯ ބުނީ މަދު ސަޕޯޓަރުންނާއެކުވެސް ފުޓުބޯޅައިގެ އަސްލު ޖޯޝަކީ ކޮބައިގެން ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި މި ކުޅިވަރުން އެތައް ބައެއްގެ ހަޔާތަށް ކުރާ އަސަރު ވިސްނަން ޖެހޭ ކަމަށް ބުނެ، އަލްފާރޯ ބުނީ ހައިޑްރޭޝަން ބްރޭކް މެޗުތަކަށް އިތުރުކޮށްގެން އުޅެނީވެސް އިޝްތިހާރުގެ ފައިދާ ނަގަން ކަމަށެވެ.