ނޭމާ

ހިލާލުން ނޭމާ އިއުލާނުކޮށްފި، ދެ އަހަރުން ރެކޯޑު 400 މިލިއަން ޑޮލަރުގެ އާއްމުދަނީއެއް

ބްރެޒިލްގެ ތަރި ނޭމާ، ސައުދީ އަރަބިއާ ލީގުގެ އަލް-ހިލާލަށް ބަދަލުވިކަން އެ ކްލަބުން ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ނޭމާ، ޕީއެސްޖީއާ ދެމެދު ނުތަނަވަސްވެ، އެ ކްލަބު ދޫކޮށް ސައުދީ ލީގަށް ބަދަލުވެފައި ވަނީ 77.6 ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. ނޭމާ އަލް-ހިލާލާ އެކު އެއްބަސްވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމާއެކު ނޭމާ ވެގެންދާނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.

އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި ނޭމާއަށް އަލް-ހިލާލުން މުސާރައިގެ ގޮތުގައި އެކަނިވެސް ދެ އަހަރުން ޖުމުލަ 300 މިލިއަން ޑޮލަރު ޖެހޭނެއެވެ. އަދި އޭގެ އިތުރުން ވިޔަފާރި އެއްބަސްވުންތަކާ އެކު ނޭމާއަށް ދެ އަހަރުން ޖުމުލަ 400 މިލިއަން ޑޮލަރު ޖެހޭނެ ކަމަށްވެސް އިތުބާރު ނޫސްތަކުން ބުނެފައިވެއެވެ.

ނޭމާ ސައުދީއަށް ދިޔުމުގެ ކުރިން ބާސެލޯނާއަށް ދާންވެސް ވާހަކަ ދައްކާފައިވާ އިރު، ޕީއެސްޖީގެ ރައީސް، ނާސިރު އެލް-ހެލައިފީއާވެސް ނޭމާގެ ޓްރާންސްފާ ޓީމުން ވަނީ ބައްދަލުކޮށްފައެވެ. ޕީއެސްޖީ އާއި ނޭމާގެ ކޯޅުން ހައްލުވެފައިނުވާ އިރު، ނޭމާ ބާސާއަށް ނުދިޔައީ ޒަވީ ހެނާންޑޭޒް ކޯޗުކަމުގައި ހުރުމުން ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ނޭމާ 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު 222 މިލިއަން ޔޫރޯގެ އަގުބޮޑު ޓްރާންސްފާއެއްގައެވެ. ބާސާ ދޫކޮށް، ޕީއެސްޖީއަށް ބަދަލުވިފަހުން ނޭމާ އެކްލަބަށް ކުޅުނު 112 މެޗުން އޭނާ ވަނީ 82 ގޯލު ޖަހައިދީފައެވެ. ނޭމާއަށް ޕީއެސްޖީގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސް ކަމަކީ އަނިޔާއެވެ. ނޭމާއަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާ އިރު، ޗެމްޕިއަންސް ލީގަށް ޕީއެސްޖީން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވާ ގޮތް ވެފައި ނުވުމާ އެކު ނޭމާއަށް ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

ހާއްސަކޮށް، ގިނަ ފަހަރެއްގެ މަތިން ޕީއެސްޖީން އަލްޓްރާސް އިން ނޭމާއަށް "ބޫ" ކުރާ މަންޒަރު މެޗުތަކުން ފެނިގެން ދެއެވެ.