އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ހިނގާ ގޮތް ބެލުމަށްޓަކައި އީޔޫއިން ފޮނުވާ ކޯ ޓީމުގެ ޗީފް އޮބްޒާވަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗެޒް އަމޯރް މިއަދު ވަނީ ނަޝީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ނަޝީދުގެ އަރިހުގައި މަޖިލީހުގެ އަމީންއާންމާއި ކައުންސެލް ޖެނެރަލްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ, އިންސާފުވެރި, މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެހީތެރިވުމަށް އެ ބައްދަލުވުމުގައި ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ކެމްޕެއިން ޖަލްސާތަކުގައި ނަޝީދު ގެންދަވަނީ ޔާމީން މިނިވަންކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ޔާމީން މިނިވަން ކުރެވޭނީ ޑިމޮކްރެޓްސްއަށް ކަމަށާއި އެކަން ކުރަން ޕީޕީއެމްގެ ލީޑާޝިޕުން ބޭނުންނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންވެ އިންތިހާބުގައި ޑިމޮކްރެޓްސްއަށް ތާއީދުކުރުމަށް ނަޝީދު ގެންދަވަނީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިލްޔާސްގެ ކެމްޕެއިން ޖަލްސާ ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ބައިވެރިވެއެވެ
ޚަބަރު
ޚަބަރު
ޚަބަރު