އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ވަނީ ނަފްސާނީ ބަލި ހުންނަ ކުޑަކުއްޖަކަށް އަނިޔާކޮށްފައިކަމަށް ހެކިވެރިޔަކު މިއަދު ކުރިމިނަލް ކޯޓުގައި ބުނެފިއެވެ.
މޭރީ މަރާލިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކޮށްފައިވާ އިރު، އެކަމުގައި ބައިވެރިވި ކަމަށް ބުނެ އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރެއެވެ. ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.
އެ މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އައިޖީއެމްއެޗުގައި މަސައްކަތްކުރާ ދިވެހި ނަރުހަކު ހެކިބަސް ދެމުން ބުނީ އައިޖީއެމްއެޗުގެ ޑޮކްޓަރެއްގެ ގޮތުގައި މާވިން މަސައްކަތް ކުރިއިރު ވަނީ، ނަފުސާނީ ބަލި ހުންނަ 16 އަހަރުގެ ކުއްޖަކަށް އަނިޔާކޮށްފައި ކަމަށެވެ. އެ ކުއްޖާއަށް އަނިޔާކުރަމުން ދިޔަ ތަން ފެނުނުކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
"އެއީ ވަރަށް އެގްރެސިވްކޮށް އުޅޭ ކުއްޖެއް. އެ ކުއްޖާގެ ގަޔަށް އިންޖެކްޝަން ޖަހަން ބާއްވާފައި އޮއްވައި ފަޔާއި އަތާއި ތަންތަނުން ތަޅައި ގަދަ ހަދަން ފެށުމުން، އެ ކުއްޖާގެ ކަރުގައި ހިފައި ނަގައި އެތާ ހުރި މޭޒުމައްޗަށް ޖެހި ތަން ފެނުނު" ހެކިވެރިއާ ބުންޏެވެ.
އެ ހެކިވެރިޔާ ބުނީ، މޭރީ މަރުވީ ގެނބިގެންކަމަށް ވެސް މާވިން ބުނި ކަމަށެވެ.
މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިއުމުން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި އިސް ޑޮކްޓަރަކާއި އެހެން ޑޮކްޓަރެއްގެ އިތުރުން ސީންއަށް އެޓެންޑުވި ސީރިއަސް އޮގަނައިޒް ކްރައިމް ޑިޕާޓުމަންޓުގެ އިންވެސްޓިގޭޝަން އޮފިސަރުގެ ހެކިބަސް މީގެ ކުރިން ވަނީ ނަގައިފައެވެ.
ހެކިބަސް ދެމުން، އޭގެ ތެރެއިން އެއް ޑޮކްޓަރަކު ވަނީ މޭރީ ހޮސްޕިޓަލަށް ގެނެވުނުއިރު އޭނާގެ މޫނުމަތީގެ ކުލަ، ދަނބު ކުލައަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައެވެ. އެގޮތަށް އާއްމުކޮށް ދިމާވަނީ ކަރުގައި ހިފައި ނޭވާ ހާސްކުރުމުން ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.
ޑޮކްޓަރު އިތުރަށް ބުނެފައިވަނީ މޭރީ ދަންޖެހުނު ކަމުގެ ނިޝާނެއް ނެތް ކަމަށާއި ނަމަވެސް މޭރީގެ ކަރުގައި ކުޑަ ވާކޮޅެއް އޮތް ކަމަށެވެ.
ކޯޓުގައި ހެކިބަސް ދެމުން ކްރައިމް ސީންއަށް އެޓެންޑުވި ސީރިއަސް އޮގަނައިޒް ކްރައިމް ޑިޕާޓުމަންޓުގެ އިންވެސްޓިގޭޝަން އޮފިސަރު ބުނި ގޮތުގައި މޭރީ އޭނާއާ ޒުވާބުކުރަން ފެށުނީ ގޭގެ ފާހާނައިގެ އިސްކުރެއް ރަނގަޅު ނުކޮށް ހުރުމުން އެކަމާ ރުޅި އައިސްގެން ކަމަށް މާވިން ބުނެފައިވާ ކަމަށެވެ. އަދި އެ ޒުވާބަށް ފަހު މޭރީ އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތްކޮށް މާވިންއާ ދިމާލަށް އެއްޗެހި އުކަން ފެށުމުން އޭނާ ކޮޓަރިން ނުކުމެފައިވާ ކަމަށް މާވިން ބުނި ކަމަށެވެ. މޭރީ ދަންޖެހުނީ އެ ވަގުތުގައި ކަމަށް މާވިން ބުނެފައިވާ ކަމަށްވެސް އޮފިސަރު ބުންޏެވެ.
- މޭރީ ދަންޖެހުނީ ބެޑްޝީޓެއް ބޭނުންކޮށްގެން، ކޮޓަރީގައި ހުރި ކުޑަ ދޮރެއްގައި ކަމަށް މާވިން ބުނެފައިވޭ
- އެ ގެއަށް ދިޔައިރު އެ ކޮޓަރީގައި ބެޑްޝީޓަކާއި ކަތުރެއް ވެއްޓިފައި އޮތް އަދި އެތަނުގައި ފެން ހުރި
- އެ ކޮޓަރީގައި އިންޖެކްޝަން ހުސްކުރި ޕެކެޓެއް އޮތް
- އިންޖެކްޝަން ހުސްކުރި ޕެކެޓާމެދު މާވިންއާ ސުވާލުކުރުމުން އެއީ މޭރީ ބަލާ އައި ޕެރަމެޑިކް އެމްބިއުލާންސްއިން އައި މީހުން ގެނައި އެއްޗެއް ކަމަށް މާވިން ބުނި އަދި އެ އިންޖެކްޝަން ޖެހީ މާވިން އަމިއްލައަށް ކަމަށް ބުނި
- މޭރީގެ ހަށިގަނޑުގެ ދެތިން ތަނެއް މަށައިގެން ގޮސް ކުދި ޒަހަމްތައް ހުރި
- މާވިންގެ ގައިގައިވެސް ޒަހަމްތައް ހުރި
- މޭރީގެ ކަރު ކުޑަކޮށް ރަތްވެފައި، މޫނުމަތިވެސް ރަތްވެފައި ހުރި
މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިން އާއި ލަމްހާއާ ދެކޮޅަށް ވަނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅައިފައެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރަނީ، ހުސްވި 2021 ވަނަ އަހަރުގެ އޮކްޓުބަރު މަހުގެ 19 ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި، އޭނާގެ އަންހެނުން، ފިލިޕީންސްގެ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ ބޮލާއި ކަރަށް ހަމަލާ ދިނުމުގެ އިތުރުން، ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ. އެގޮތުން، މޭރޫގެ އޮޓޮޕްސީ ރިޕޯޓުން މޭރީގެ ބޮލަށާއި ކަރަށް ހަމަލާ ދީފައިވާކަން އެނގޭ ކަމަށާއި އެ ދުވަހު އެތަނުގައި ހުރީ ހަމައެކަނި މާވިން ކަމަށް ތަހުގީގުގައި މާވިން ބުނެފައިވާ ކަމަށާއި އޭނާގެ ފޯނުގެ ސާޗް ހިސްޓްރީން، މީހަކު މަރާލާނެގޮތް ސާޗް ކޮށްފައިވާކަން އެނގެން އޮތުމުން، އެކަން ސާބިތުވާ ކަމަށެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުން ކަމަށެވެ. ނަމަވެސް، ދައުވާއަށް މާވިން އިއުތިރާފު ވެއްޖެނަމަ، އެއްދަރަޖައަކަށް ދަށްކޮށް، އެ ކުށުގެ އަސާސީ އަދަބެއްގެ ގޮތުން ހަތް އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. ނަމަވެސް މޭރީ ހުރީ، އިސްލާމީ ދައުލަތެއްގެ ބެލުމުގެ ދަށުގައި ކަމުން، މޭރީގެ އާއިލާއިން އެދިއްޖެ ހާލަތެއްގައި މާވިންގެ ކިބައިން ގިސާސް ހިފިދާނެކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު