މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމަށް ކަނޑައަޅައިފައިވާ އަގަކީ އެހެން ރަށްތަކަށްވުރެ ކުޑަ އަގެއްކަމަށް ހެކިވެރިޔާ ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުންތައް މެދުކަނޑާލާފައި އޮތުމަށް ފަހު، މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދު އޮތީ ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ހުށަހަޅާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. އެ ދެ ހެކިވެރިންނަކީ ސަން ކޮންސްޓްރަކްޝަނުގެ ފައިނޭންސް ޑިރެކްޓަރު ސްރިތަ ކުމާރު ތިއަގަ ރާޖާ އަދި އެމްއެމްޕީއާރްސީގައި ކުރިން ވަޒީފާ އަދާކުރި މުހައްމަދު ޝިފާއު ކިޔާ މީހެކެވެ.

ޝަރީއަތުގައި ހެކިބަސް ދެމުން ޝިފާއު ބުނީ އެމްއެމްޕީއާރްސީގެ އެއިރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ފުށްގިރި މުއާމަލަތާ ބެހޭ ބައްދަލުވުމެއް ބާއްވުމަށް އެންގި ކަމަށެވެ. ޖެހިގެން އައި ދުވަހު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި ފުށްގިރި ކުއްޔަށް ދިނުމަށް ކަނޑައެޅި އަގު ނިންމިކަމަށް ހެކިވެރިޔާ ބުންޏެވެ. ނަމަވެސް އެ އަގު މިހާރު ހަނދާން ނެތްކަމަށް ވެސް ބުންޏެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ބޭރުގެ ކުންފުންޏެއް ތަމްސީލުކުރައްވާ އިންޑިއާ ދެ މީހަކު އަދި ކްރިކް ރިޒާ ބައިވެރިވެވަޑައިގެންނެވިކަމަށް ހެކިވެރިޔާ ބުންޏެވެ.

"އަޅުގަނޑު މިހާރު ހަނދާނެއް ނެތް، އެހާ ދުވަސްވީ ކަމަކަށް ވާތީ، ކުޑަ އަގެއް އޮތް ހަނދާނުގައި ހުރީ ވެސް އެހެންވެގެން އަޅުގަނޑު އެ ވަރަށް އެ ދުވަހު ސުވާލުކުރި ކަމަކަށް ވާތީ" ހެކިވެރިއާ ބުންޏެވެ.

އެ ބައްދަލުވުމުގެ ފަހުން ޒިޔަތު، އޭނާއާ އަލުން ބައްދަލުކޮށް ރަށުގެ އަގާ ގުޅޭގޮތުން ވާހަކަ ދެއްކި ކަމަށް ހެކިވެރިޔާ ބުންޏެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކުރި އަގަކީ ބައްދަލުވުމުގައި ކަނޑައެޅި އަގަށްވުރެ ކުޑަ އަގެއްކަމަށް ހެކިވެރިޔާ ބުންޏެވެ

ފުށްގިރި މައްސަލައިގައި މީގެ ކުރިން ހެކިބަސް ދެމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވަނީ ފުށްގިރީގެ އަސްލު އަގަކީ 2.5 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ބައްދަލުވުމުގައި ވަނީ އެ އަގު 1.55 މިލިއަން ޑޮލަރަށް ކުޑަކޮށްފައި ކަމަށެވެ.

ދައުލަތުން ހުށަހެޅި ދައުވާގައިވާ ގޮތުން ފުށްގިރި ކުއްޔަށް ދޫކުރީ ދުބައީގެ ކުންފުންޏެއްކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް އެ ރަށް ކުއްޔަށް ދޫކުރީ ބިޑަކާ ނުލައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.