ވެރިކަމުގެ ދޮޅުއަހަހަރުގެ ތެރޭގައި 30،000 ފުލެޓުގެ މަސައްކަތް ނިންމައި، ފުލެޓުތައް ހަވާލުކުރާނެކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ކުނޫޒުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ޖުމްހޫރީ ޕާޓީން ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބުދީފައެވެ.
ޕެނަލް ޑިސްކަޝަންގައި ބައިވެރިޔަކު ވަނީ ދައުރު ނިމޭއިރު ވެސް ވައުދުވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުނިމޭކަމަށް ބުނެފައެވެ. ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެކަމަށް އޮތް ހައްލަކީ ކޮބައިތޯ، ގާސިމާ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެމުން ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުން މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ނިޒާރު ވިދާޅުވީ، ހައުސިން މަޝްރޫއުތައް ނުނިމެނީ ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެ ސިޔާސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެންމެ ދިގުވެގެން ވެސް އެންމެ 18 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވައުދުވާ ގިނަ އަދަދުތައް ފުރިހަމަކޮށްފައި ރައްޔިތުންނަށް ފޯރުކޮށްދިނުން" މޫސާ ނިޒާރު ވިދާޅުވިއެވެ.
ސަރުކާރުތަކުން އާންމު ގޮތެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަނީ ދައުލަތުގެ ފައިސާއިން އެކަން ކުރުމުގެ ބަދަލުގައި ބޭރުގެ ގައުމަކުން ދޭ މާލީ އެހީއެއްގެ ދަށުން ކަމަށާއި އެހެންވެ މަސައްކަތް ނުފެށި ލަސްވާކަމަށް މޫސާ ނިޒާރު ވިދާޅުވިއެވެ.
ބޭރުގެ ގައުމަކުން ހައުސިން މަޝްރޫއަށް ފައިސާ ލިބެނީ ދެތިން އަހަރުން ފަހުން ކަމަށާއި ފައިސާ ލިބިގެން ވެސް މަޝްރޫއުގެ ބިންގާ އެޅުމަށް އިތުރު އަހަރެއް ނަގާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ ހައުސިން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށެނީ ދައުރުގެ ފަހު އަހަރުގައިކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީން ހައުސިން މަޝްރޫއުތަކަށް ފައިނޭންސް ކުރާނީ ދައުލަތުގެ ފައިސާއިން ކަމަށާއި ދައުލަތުގެ ބަޖެޓަށް ކޮންމެ އަހަރަކު ބިލިއަން ރުފިޔާ ލެވޭ ނަމަ، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބަޖެޓުގައި ފައިސާ ހިމަނާނެކަމަށް މޫސާ ނިޒާރު ވިދާޅުވިއެވެ.
މޫސާ ނިޒާރު ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން ވެރިކަމުގެ ފުރަތަމަ އަހަރުގައި ހައުސިން މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެ ކަމަށެވެ.
"އެހެންވީމާ، މަސައްކަތް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރިއަށްދާނެ" މޫސާ ނިޒާރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު