އެމްޑީޕީ އަދި އެ ޕާޓީއާ ގުޅިވަފައިވާ ކޯލިޝަން ޕާޓީތައް ފިޔަވައި އިދިކޮޅު އެހެން ޕާޓީތައް ތަކަކީ ތަރުޖިބާއެއް ނެތް އަދި ކުންފުންޏެއްވެސް ހިންގަން ނޭނގޭ ކެންޑިޑޭޓުން ތިބި ޕާޓީ ތަކެއް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމު މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، ނ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވެލިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މައުމޫނު ދައުރުގެ ވެރިކަން ސިފަކުރައްވަމުން ސިޔާމް ވިދާޅުވީ، ދ. އަތޮޅަށް ކުރެއްވި ދަތުރެއްގައި، މެހީގެ އުނދަގޫ ބޮޑުކަމުން ކެއިންބުއިން ދަތިވެފައިވާކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް އޭރު ވަށައިލައިފައިވަނީ ކުނީގެ ސަބަބުން ކަމަށެވެ. ސިޔާމު އަމިއްލައަށް ރައްޔިތުން ބޭނުންވާ ގޮތް ކުރީގެ ރައީސް މައުމޫނަށް ދެންނެވުމުން އެކަން ކުރަން ހުއްދަނުދެއްވި ކަމުގައި ވިދާޅުވިއެވެ.

ކަން މިހެން ހުރުމުން ދެން ނިންމެވީ އަމިއްލަ ޕާޓީއެއް އުފައްދަވަން ކަމަށާއި އެ ޕާޓީގައި އޭނާ ކައިރީގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންވެސް ބައިވެރިވި ކަމުގައި ސިޔާމު ވިދާޅުވިއެވެ. އެމްޑީއޭ އުފެއްދީ ދިވެހިންނަށް ޓަކައި ކަމުގައި ސިޔާމު ވިދާޅުވިއެވެ.