ހުރިހާ ކަމެއްގެ ތެރެއިން ވެސް އެމަނިކުފާނު އެންމެ ފަހުރުވެރިވެވަޑައިގަންނަވާ ކަމަކީ ޒުވާނުންނަށް ތައުލީމު ހޯދައިދިނުމަށްޓަކައި ކުރެއްވުނު މަސައްކަތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދުއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކިތަންމެ ނިކަމެތި ހާލުގައި އުޅެފައި ވެސް ރަނގަޅު ތައުލީމެއް ލިބިއްޖެ ނަމަ، ދެން ފަހިވާ ފުރުސަތުތައް ވަރަށް ގިނަ ކަމަށާއި މި ސަރުކާރުން މި ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.

"އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އަޅުގަނޑު އެންމެ ފަހުރުވެރިވާ ކަމަކީ އަޅުގަނޑުމެން ޒުވާނުންނަށް ތައުލީމު ހޯދައިދިނުމަށްޓަކައި ކުރެވުނު މަސައްކަތް. ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 18،000 އަށްވުރެ ގިނަ ޒުވާނުން އެދަނީ ޑިގްރީ ހާސިލުކުރަމުން. އަދި އޭގެ ތެރެއިން 7،000 ދަރިވަރުން ނިމިއްޖެ. އަދި ސަރުކާރުގެ މަތީ ތައުލީމު ލޯނު ސްކީމުގެ ދަށުން 3،000 ކުދިން، ސްކޮލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި ވެސް 1،200 ކުދިން މިހާރުވެސް ކިޔަވަމުން އެބަގެންދޭ. މިހާރަކު ނުޖެހޭނެ މައިންބަފައިންގެ ތަނަވަސްކަން ނެތިގެން މަތީ ތައުލީމު ނުލިބި ހުންނާކަށް. އެ ފުރުސަތު އެ އޮތީ އެންމެންނަށް ފަހިވެފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒަމާން ކިތަންމެ ބޮޑަށް ބަދަލުވިޔަސް، ޒުވާނުން ތަހައްމަލުކުރާ ގޮންޖެހުންތައް ބަދަލުވިޔަސް، އޭރުވެސް މިހާރުވެސް ޒުވާނުން ހަމަ ބޭނުންވަނީ އެއް ކަންތައްތަކެއް ކަމަށާއި ޒުވާނުން ބޭނުންވަނީ އެމީހުންގެ މުސްތަގުބަލަށްވުރެ ފަހިވާން، އުޖާލާވާން ކަމަށެވެ. ޒުވާނުން ބޭނުންވަނީ އެމީހުންނަށް ލިބޭ ފުރުސަތުތައް ފަހިވެ، ހަޔާތުގައި ކުރިއަށްދާނެ ގޮތެއް އިހުތިރާރުކުރުމުގެ ފުރުސަތު އިތުރުވާން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭރުވެސް މިހާރުވެސް ޒުވާނުންގެ އުންމީދުތައް އެއީ. ޒުވާނުން ބޭނުންވަނީ ތައުލީމީ ހުނަރު އިތުރުކުރުމުގެ ފުރުސަތު. ޒުވާނުންގެ އާ އުފެއްދުންތެރި އީޖާދީ ހުނަރުތަކަށް މަގުފަހިވާނެ ގޮތުގެ ފުރުސަތު، ކުޅިވަރުގެ ފުރުސަތު، ހަށިހެޔޮކަމާއި ދުޅަހެޔޮކަން ހާސިލުކުރުމުގެ ފުރުސަތު. ރައްޓެހިންނާ އެކީ ހުސްވަގުތު ބޭނުންތެރި ގޮތުގައި ހިފޭނެ ގޮތް އޮތުން، ހޯދައިދިނުން. ގައުމު ހިންގުމާއި ގައުމު ކުރިއަށްގެންދާނެ ގޮތް ކިޔައި، ސިޔާސަތު ބައްޓަންކުރުމުގެ ފުރުސަތު. މިއީ އޭރުވެސް، މިހާރުވެސް ޒުވާނުން ބޭނުންވާ ކަންތައްތައް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުރިހާ ޒުވާނުންނަކީ އެކަޑަމިކް ދާއިރާއިން ކުރިއަށްދާން ބޭނުންވާނެ ޒުވާނުންނެއް ނޫން ކަމަށާއި ސީދާ މަސައްކަތުގެ މާހައުލަށް އަހުލުވެރިވާން ބައެއް ޒުވާނުން ބޭނުންވާ ކަމަށެވެ. އެގޮތުން ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމުގެ ފުރުސަތުތައް ވެސް ފަހިކޮށްދެއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.