ކީލިއާން އެމްބާޕޭ

ރައީސް ނާސިރާއެކު އެމްބާޕޭ އެނބުރި ތަމްރީނުތަކަށް، އެއްބަސްވުން އާކުރާނެ ކަމަށް ބެލެވޭ!

ފްރާންސްގެ ތަރި، ޕީއެސްޖީގެ ކިލިއަން އެމްބާޕޭ ކްލަބުގެ ތަމްރީނުތަކަށް އަލުން ނުކުމެ، ޖެހިފައިވާ މައްސަލަ ހައްލުކޮށްފިއެވެ.

އުމުރުން 24 އަހަރުގެ އެމްބާޕޭ، މިސީޒަނުގައި ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ނަމަ، ކޮންމެހެންވެސް އެއްބަސްވުން އާކުރަންޖެހޭ ކަމަށް ކްލަބުގެ ރައީސް ނާސިރު އަލް-ހެލައިފީ ވަނީ ކުރިންވެސް ވިދާޅުވެފައެވެ. އެމްބާޕޭ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ ސީޒަންގެ ނިޔަލަށެވެ. އެގޮތަށް އެއްބަސްވުން އޮތުމާއެކު، އެމްބާޕޭ ފުރަތަމަ ބުނީ އަންނަ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމަށާއި އެއްބަސްވުން އިތުރަށް އާ ނުކުރާނެ ކަމަށެވެ.

އެގޮތަށް އެމްބާޕޭ ބުނުމާއެކު، ޕީއެސްޖީން ހިތްހަމަ ނުޖެހުނީ ހިލޭ ޓްރާންސްފާއެއްގައި އޭނާ ޕީއެސްޖީ ދޫކޮށްލަން މަސައްކަތް ކުރުމުންނެވެ. ޕީއެސްޖީން ބުނީ އެމްބާޕޭ އެކްލަބަށް ބޭވަފާތެރިވާން މަސައްކަތް ކުރާ ކަމަށާއި، ރެއާލް މެޑްރިޑާއެކު މާ ކުރިން އެއްބަސްވެގެން ހިލޭ ޕީއެސްޖީ ދޫކޮށްލަން މަސައްކަތް ކުރާ ކަމަށެވެ. އެ މައްސަލަގަނޑުގެ ތެރޭގައި ޕީއެސްޖީން ވަނީ އެމްބާޕޭ ސްކޮޑުންވެސް ބޭރުކޮށްފައެވެ. އޭޝިއާއަށް ޕީއެސްޖީން ކުރި ޕްރި ސީޒަން ދަތުރުގައިވެސް އެމްބާޕޭ ބައިވެރިކޮށްފައެއް ނުވެއެވެ. އަދި ރޭ ކުޅުނު ލީގު މެޗުގެ ސްކޮޑަށްވެސް އެމްބާޕޭ ނަގާފައި ނުވާ އިރު، އެއްބަސްވުން ގަދަކަމުން އާކުރަން ޕީއެސްޖީން މަސައްކަތް ކުރުމުން ފްރާންސުގެ ވަޒީފާއާ ބެހޭ އިދާރާތަކުން ވަނީ ޕީއެސްޖީން ދަތިކުރާ ކުރުންތަކަށް ފާޑުވެސް ކިޔައިފައެވެ.

އެ މައްސަލަ ހޫނުވެފައި އޮއްވާ، އެމްބާޕޭ މިއަދު ޕީއެސްޖީގެ ތަމްރީނުތަކަށް ނުކުތީ ކްލަބު ރައީސް ނާސިރާއެކުގައި ކަމަށް ނޫސްތައް ބުނެފައިވެއެވެ. އިތުބާރު ނޫސްތަކުން ބުނީ ނާސިރު މިއަދު ޕީއެސްޖީގެ ތަމްރީނުތަކަށް ވަޑައިގެން، ކުޅުންތެރިންނާ ވާހަކަ ދައްކަވާފައިވާ ކަމަށާއި، އެމްބާޕޭއާއެކު ޖެހިފައިވާ މައްސަލަ ހައްލުވެފައިވާ ކަމަށްވެސް ވިދާޅުވި ކަމަށެވެ. ނާސިރު ވިދާޅުވީ އެމްބާޕޭ ހުރީ ޕީއެސްޖީއާއެކު ހިތްހަމަ ޖެހިގެން ކަމަށާއި، މުސްތަގުބަލުގައި އެ ކްލަބާއެއެކު ކުރިއަށްދާން ތައްޔާރު ކަމަށެވެ.

ޕީއެސްޖީން މިއަދު ރަސްމީކޮށް ބުނީ މިދިޔަ 12 ގަޑިއިރުގެ ތެރޭގައި އެމްބާޕޭއާއެކު ކްލަބުން ޕޮސިޓިވް ވާހަކަތަކެއް ކުރިއަށް ގެންގޮސް، އަންނަ ސީޒަނުގައިވެސް އެމްބާޕޭ ކްލަބުގައި މަޑުކުރަން ވިސްނުމާއެކު ސްކޮޑުން އަލުން ޖާގަ ދީފައިވާ ކަމަށެވެ.

ޕީއެސްޖީން އެމްބާޕޭ ހިލޭ ދޫކޮށްލަން ބޭނުން ނުވަނީ 2017 ވަނަ އަހަރު އެ ކްލަބުން އޭނާ ހޯދަން ކުރި ބޮޑު ހަރަދުގެ ސަބަބުންނެވެ. އެ އަހަރު މޮނާކޯއިން އެމްބާޕޭ ގެންދަން ޕީއެސްޖީން ވަނީ 165.7 މިލިއަން ޕައުންޑްގެ އަގެއް ދައްކައިފައެވެ. އެމްބާޕޭއަކީ ތާރީހުގައިވެސް ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އެ ފަހުން ޕީއެސްޖީއަށް ކުޅުނު މެޗުތަކުގައި އެމްބާޕޭ ވަނީ ކްލަބު ރެކޯޑު 212 ގޯލު ޖަހައިދީފައެވެ. އެމްބާޕޭއަކީ ގިނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.