ނ. ހޮޅުދޫ ކައިރީގައި އޮންނަ ހޮޅުމީދޫގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް މީހުން އާބާދުކުރާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހޮޅުދޫގައި މިއަދު ބެއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު ހޮޅުދޫއަށް ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހޮޅުމީދޫ ތަރައްގީކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިރަށާއި އަދި މިރަށާ ކައިރީގަ އޮތް ރަށް އޮންނާނީ މި ރަށުގެ އިހުތިސާސްގެ ތެރެއަށްލައި ތަރައްގީކުރަން އަޅުގަނޑުމެން ނިންމާފަ. އެއާއެކީގައި މިރަށަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގާނަން މިރަށުގަ. އަދި ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ މި ދެންނެވިހެން މައްސަލަ ހައްލުކުރުމުގެ ގޮތުން ފުލެޓާއި ރޯހައުސް މިރަށުގަ އަޅުގަނޑުމެން އަޅައިދޭނަން. އަޅުގަނޑުމެން އެއިރު މިރަށާ އެއްކޮށްލި އިހުތިސޯސް ތެރެއަށްލި ހޮޅުމީދޫ، އަސާސީ ހިދުމަތްތަކާއެކު އެރަށް ތަރައްގީކޮށް މި ރަށުގެ ރައްޔިތުންނަށް އާބާދު ވެވޭނެ ގޮތަށް އެރަށް އަޅުގަނޑުމެން ތަރައްގީކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ ހޮޅުދޫގައި ސްޕޯޓްސް ކޮމްޕެލެކްސް އަދި ޒަމާނީ ހުކުރު މިސްކިތެއް އިމާރަތް ކޮށްދެއްވާނެ ކަމަށެވެ.
ހޮޅުދޫއަކީ ކުރިން މަސްވެރިކަމުގެ ރަށެއް ނަމަވެސް މިހާރު އެ ރަށަކީ ތައުލީމީ ރަށެއްކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ތަންފީޒުކުރި އެންމެ ރަނގަޅު ސިޔާސަތަކީ ހިލޭ ޑިގްރީ ސްކީމް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ކުރިން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެފައިވަނީ ހަމައެކަނި ފުދުންތެރި އާއިލާތަކަށް ކަމަށާއި ނަމަވެސް ހިލޭ ޑިގްރީއާއެކު 18،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އަމާޒަކީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ހުރިހާ ސްކޫލެއްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކޮށް، ޓިއުޝަނަށް ބަރޯސާ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހޮޅުދޫއަކީ ސިޔާސީ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް ތަރައްގީއަށް ޖާގަ ދެއްވާ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށެވެ. އެ މަނިކުފާނާއެކު އެމްޑީއޭގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު، ހުންނެވުމުން، ނ. އަތޮޅު ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު އިތުރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު