އެމްޑީޕީގެ ރައީސް އަދި މިހާރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ބޭރު ގައުމުތަކުގެ ތެރެއިން ކޮންމެ ގައުމަކުންވެސް ފަސޭހަކަމާއެކު ލޯނު ލިބޭނެކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމު މިހެން ވިދާޅުވީ އަންނަ މަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ދަރުތުފުޅުތަކުގެ ތެރެއިން، ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މަނަދޫގައި ވާހަކަ ދައްކަވަމުންނެވެ.
"ރައީސް ސޯލިހަށް ބޭރުގައުމުތަކުން ލޯނު ދެނީ އެއީ ކޮންމެހެން ރާއްޖޭގެ ރައީސަކަށް ވީތީކީ ނޫން. އެއީ އިބްރާހިމް މުހައްމަދު ސޯލިހަށް ވާތީ. ގައުމުތަކުން ލޯނުދޭއިރުވެސް އެބަބަލާ ލޯނު ދެނީ ކޮން މީހަކަށްތޯ."
ސިޔާމު އިތުރަށް ވިދާޅުވީ ބޭރު ގައުމުތަކުން ލޯނު ދޭއިރު މި ރާއްޖޭގައި ނިމިދިޔަ 50 އަހަރުވީ ރައީސުންނަށް ލޯނު ނުދޭ ވަރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލޯނު ދެމުން އަންނަ ކަމުގައެވެ. ބޭރު ގައުމުތަކުން ރާއްޖެއަށް ލޯނު ނުދޭ ސަބަބާއި މެދު ވެސް ސިޔާމު ވަނީ ސުވާލު އުދައްދަވައިފައެވެ.
"ލޯނުދޭ ސަރުތުތަކެއް އެބަހުރި ދުނިޔޭގެ ގައުމުތަކުން ލޯނު ދެނީ މީހާއަށް ބަލާފަ. ކާކުތޯ މިވެނި ގައުމެއްގެ ވެރިޔަކަށް ހުރީ. ކާކުތޯ ކުންފުންޏެއްގެ ވެރިޔަކަށް ހުރީ. އަދި އޯގަނައިޒޭޝަނެއް ނަމަވެސް ކާކުތޯ ބެލުމަށްފަހު ލޯނުދެނީ" ސިޔާމު ވިދާޅުވިއެވެ
މީގެ އިތުރުން ސިޔާމު ވިދާޅުވީ ރާއްޖެއިން ބޭރުގެ ގައުމުތަކުންވެސް ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ރައިީސް ސޯލިހު ރާއްޖޭގެ ކަންކަން ގެންދެވި ގޮތާއި އަދި ރާއްޖެ ނަގައި ކޮޅަށް ޖެހި ފޯމިއުލާ ހޯދަން ބޭނުންވި ކަމަށެވެ.
"އިބޫއަކީ އަހުލާގީ ގޮތުން ލާމަސީލު ނަމޫނާއެއް. ރައީސްގެ ފަރާތުން މީހަކަށް އަނިޔާވިތަން ފެނުނުތޯ؟ މީހަކަށް ގޯނާ ކުރިތަން ފެނޭތޯ؟ ރައީސްގެ ފަރާތުން މީހަކާ ދެބަސްވެ އަރައިރުން ވާތަން ފެނޭތޯ؟ ނުފެނޭ ދެއްތޯ!" ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާމު ވިދާޅުވީ ރައްޔިތުން ބޭނުންވާ އެންމެ ރަނގަޅު ކަންތައްތައް ހާސިލުކޮށްދިނުމަށް ރައީސް ސާލިހު ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި ރާއްޖެއަށް ތަރައްގީ ބޭނުން ނަމަ އިބޫއަށް އިތުރު ދައުރެއް ހައްގުކަމަށެވެ. ތަރުޖިބާ ލިބިފައި ހުރި ވެރިޔަކަށް އިތުރު ދައުރެއް ދިނުން މުހިންމު ކަމުގައިވެސް ސިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު