މި މަހު 25 އިން އަންނަ މަހު ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުން ސްރީ ލަންކާއާ ދެކޮޅަށް ކުޅެމުންދާ އެކުވެރިކަމުގެ މެޗުތައް މިއަދު ހަވީރު ފަށައިފިއެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ލަންކާ ގައުމީ އަންހެން ވޮލީ ޓީމުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ލަންކާއިން ގެންގޮސްފައި ވަނީ 25-19، 25-18 އަދި 25-17 އިންނެވެ.

މެޗު ފެށިގެން ލަންކާއިން ރަނގަޅު ލީޑެއްގައި ކުޅުނު ނަމަވެސް، ސެޓުގެ މެދުތެރެއިން ރާއްޖެއިން ކުޅުން ރަނގަޅުކޮށް، ލަންކާއަށް ކޮންމެވެސް ވަރަކަށް ނުރައްކާ ކުރިއެވެ. ސެޓުގައި އައިމިނަތު އަރީޝާއާއި ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ގެ އެޓޭކްތައް ފާހަގަވިއެވެ. ސެޓުގެ ފަހުކޮޅާ ޖެހެންދެން ރާއްޖެއިން ރަނގަޅު ވާދައެއް ކުރި ނަމަވެސް 25-19 އިން ސެޓު ގެއްލުނެވެ.

ދެވަނަ ސެޓު ރާއްޖެއިން ފަށައިގެން ކުޅުނު ނަމަވެސް، ސެޓުގެ މެދުތެރެއިން ލަންކާއިން ކުޅުން ރަނގަޅުކޮށް ރާއްޖެ ކޮޅަށް ރަނގަޅު އެޓޭކްތަކެއް ކުރިއެވެ. ސެޓުގެ މެދުތެރެއިން ރާއްޖެއަށް ދިމާވި އެންމެ ބޮޑު މާޔޫސް ކަމަކަށްވީ ސެންޓަ ކުޅުންތެރިޔާ ނަރީމާ އިދުރީސް (ނަންނި)އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ.

ފުރަތަމަ ދެ ސެޓު ގެއްލުމާއެކު ރާއްޖެއިން ތިންވަނަ ސެޓުގައި ދަށްކޮށް ފެނިގެން ދިޔައިރު، ތިންވަނަ ސެޓު ލަންކާއިން ވަނީ 17-25 އިން ގެންގޮސްފައެވެ.

ލަންކާއާއި ރާއްޖެއިން ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި މިރޭ ރާއްޖޭގެ ފިރިހެން ޓީމުން ލަންކާއާ ދެކޮޅަށް ނުކުންނާނެއެވެ. މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ލަންކާ ޓީމުވަނީ މާލެ އައިސް ރާއްޖޭގެ ފިރިހެން ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެފައެވެ. އެ ގޮތުން، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިންނާއި 2021 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ލަންކާ ޓީމުން ވަނީ މާލޭގައި މެޗުތަކެއް ކުޅެފައެވެ. އެ މެޗުތަކުގައި ލަންކާ ފާހަގަކުރެވިފައި ވަނީ ރާއްޖެއަށްވުރެ ފެންވަރު ރަނގަޅު ޓީމެއްގެ ގޮތުގައެވެ.

އެހެންކަމުން ލަންކާ ވެގެންދާނީ އައިއޯއައިޖީގެ ކުރިން ވޮލީ ޓީމުތަކަށް ލިބޭ ރަނގަޅު ޗެލެންޖަކަށެވެ.