އިދިކޮޅު ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ، ޖަލުގައި ހުންނެވި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދަރިވަރެއްކަމަށާއި ހުރިހާ ގޮތަކުންވެސް މުއިއްޒު ތަފާތުވާނެ ކަމަށް އެ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޑރ. މުއިއްޒާއި އިދިކޮޅު ލީޑަޝިޕުގެ ބޭފުޅުން ހދ. އަތޮޅު ނޮޅިވަރަމަށް މިއަދު ވަަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަދުރޭ ވިދާޅުވީ، ދިވެހިންގެ އުޖާލާ މުސްތަގުބަލަށް އޮތް އެންމެ ބޮޑު ހައްލަކީ ޑރ. މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށެވެ.

އަދުރޭ ވިދާޅުވީ، މި ސަރުކާރު އިންޑިއާގެ ނުފޫޒުގައި އޮތްކަމީ އެންމެން ދަންނަ ހަގީގަތެއް ކަމަށާއިމި ސަރުކާރަށް އިތުރު ދައުރެއް ދިނުން ވެގެން ދާނީ، ޒަމާނުއްސުރެ ރާއްޖޭގެ މައްޗަށް ގަދަވެގަތުމަށް އިންޑިއާ ކުރަމުން އަންނަ މަސައްކަތަށް ދޭ ހިތްވަރަކަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތަފާތު ކެންޑިޑޭޓަކީ މުއިއްޒު ކަމަށެވެ. އެގޮތުން މުއިއްޒަކީ އިލްމީ އަދި ތައުލީމީ ބޭފުޅެއް ކަމަށާއި ދީނަށް ލޯބިކުރައްވާ ހިތްހެޔޮ ތެދުވެރި ބޭފުޅެއް ކަމަށެވެ.

"ޑރ. މުއިއްޒަކީ ރައީސް ޔާމީންގެ އަރިހުން ދަރިވަރުވެވަޑައިގެން ހުންނެވި ބޭފުޅެއް. ރައީސް ޔާމީންގެ ސަރުކާރުގައި ހިންގެވި އުމްރާނީ ތަރައްގީގެ ބިޔަ ބޮޑު މަޝްރޫއުތައް އާދަޔާ ހިލާފު މިނުގައި މަސައްކަތް ކޮށްދެއްވި އެންމެ އިސް ބޭފުޅަކީ ޑރ. މުހައްމަދު މުއިއްޒު" އަދުރޭ ވިދާޅުވިއެވެ.

މުއިއްޒަށް ވޯޓު ދިނުން އެއީ ގައުމު ސަލާމަތްކޮށް، ރައީސް ޔަމީނަށް ސަރުކާރުން ކުރަމުން އަންނަ އަނިޔާތަކުން ސަލާމަތް ކުރުމަށް ދޭ ވޯޓެއްކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، އިންތިހާބު އޮޅުވާލައި ނަތީޖާ ގަޑުބަޑު ކުރުމަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، އިންތިހާބަށް މިހާރު އޮތް މަދު ދުވަސްކޮޅުގައި މުއިއްޒަށް ކާމިޔާބީ ހޯދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކެމްޕެއިންގެ ހަރަކާތްތައް ފުޅާކުރަން ޖެހޭ ކަމަށެވެ.