ވެރިކަމަށް ވަޑައިގެން ވެސް މި ސަރުކާރުން ގެންނަން ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓައިނުލައި ކުރިއަށްގެންދަވާނެ ކަމަށާއި ޕީޕީއެމް/ޕީއެންސީއަކީ ތަރައްގީގެ ފިކުރު ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަތޮޅުތެރެއިން ފެއްޓެވުމުގެ ގޮތުން ހަނިމާދޫއަށް ވަޑައިގެން، ޕީޕީއެމް ޖަގަހައިގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެންމެން އެންމެ ބޮޑަށް ބޭނުންވަނީ ވީހާވެސް އަވަހަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުން ކަމަށާއި މިއަދާ ހަމައަށް ކުރެވުނު އެއްވެސް މަސައްކަތެއް ކާމިޔާބު ނުވެ ދިޔަޔަސް، އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކޮށް، ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށެވެ.
"މި ރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ކަންކަމާއި، ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ތިބޭފުޅުން އަޅުގަނޑުމެން ގާތު ދެންނެވުމަކީ އަޅުގަނޑުމެން އެދޭ ކަމެއް. މާގިނަ ވަގުތެއް ނެތް، ކުރިއަށް އޮތް އިންތިހާބާ ދޭތެރޭގައި 25 ވަރަކަށް ދުވަސް މިއޮތީ. އެހެންވީމާ ތިބޭފުޅުންގެ އަޑު އަހައިގެން އަޅުގަނޑުމެން މި ރަށަށް ކުރެވޭނެ ކަންކަމާ މެދުގައި އަޅުގަނޑުމެން ތިބޭފުޅުން ދައްކަވާ ވާހަކަތަކާއި ދެއްވާ ހިޔާލާ އެއްގޮތަށް މަސައްކަތްކުރާނީ. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ނެތިން ރަށަށް އަންނަން އޮތް އެއްވެސް ތަރައްގީއަށް، މިހާރު ހިނގަމުންދާ އެއްވެސް ކަމެއް ހުއްޓާލުމަކީ ތަރައްގީގެ ފިކުރުގެ ބަޔަކު ކުރާނެ ކަމެއް ނޫން. މި ޕާޓީއަކީ ތަރައްގީގެ ފިކުރުގެ ޕާޓީ،" އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހަނިމާދޫގައި ހިންގާ އެއާޕޯޓުގެ މަސައްކަތް ރަނގަޅަށް ހިންގާ ކަމަށްވަންޏާ، ރަށަށް ވަރަށް ފައިދާވާނެ ކަމަށާއި ޕްރޮޖެކްޓަށް ރަށުން ލިބޭ އެއްޗެހި ހޯދާ ކަމަށްވަންޏާ، ރަށަށް ފައިދާވާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގައި ވަޒީފާ ދެވޭ ފަރާތްތަކަކީ އޭގެ ވަކި އިންސައްތައެއް ނަމަވެސް، ރަށުގެ ރައްޔިތުންނަށް ދެވޭ ވަޒީފާއެއް ވެއްޖެއްޔާ ވެސް ފައިދާވާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ މިހާރު އެ ހިނގާ މަޝްރޫއު، އަދި މިހާރަށްވުރެ މާ ރަނގަޅަށް، ރަށަށް ފައިދާވާނެ ގޮތަށް ކުރެވޭނެ ގޮތްގޮތް ހުންނަންވާނެ. މުޅި ރާއްޖޭގެ ތަރައްގީވެސް ހިނގާހާ މަޑުމިނުން އެ މަޝްރޫއު ވެސް ހިނގާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އެހެންވީމާ މިފަދަ ކޮންމެ ކަމަކީ ހައްލު ކުރެވޭނެ، ރަނގަޅު ކުރެވޭނެ ކަންކަން. އަޅުގަނޑުމެންނަކީ ތަރައްގީއަށް ލޯބިކުރާ، ތަރައްގީ ގެންނަން ބޭނުންވާ ބައެއް. އެކަން ވާނީ ރައީސް ޔާމީންގެ ފަސް އަހަރުން ފެނިފައި. އެހެންވީމާ އަޅުގަނޑުމެން އެންމެން ވަރުގަދަ އަޒުމެއްގައި މަސައްކަތްކުރަމާ ހިނގާށޭ، އިރާދަކުރެއްވިއްޔާ ހަނިމާދުއަށް ބޭނުންވާ ތަރައްގީ ވެސް އަޅުގަނޑުމެންނަށް ހާސިލުކޮށްދެވޭނެއޭ،" އޭނާ ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް މަޝްރޫއެވެ. އެ މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސޯދީ މައި ހަބެއް ގާއިމުކޮށް އެ ސަރަހައްދުގައި ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ސަރުކާރުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފުލައިޓުތައް ހަނިމާދުއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު