ކުރިއަށް އޮތް ދައުރުގައި އިގުތިސާދީ ސިޔާސަތު ބައްޓަން ވެގެންދާއިރު ޓޫރިޒަމް ދާއިރާއިން އުންމީދުކުރާ ވަރަށްވުރެ ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާޅެންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު މިއަދު ވަނީ ނ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ އެ މަނިކުފާނުގެ ކޯލިޝަން ޕާޓްނަރު, އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ, ސިޔާމަކީ ހީވާގި, ހިންގުންތެރި, ހިދުމަތްތެރި ބޭފުޅެއް ކަމަށާއި އޭނާއަކީ ޓޫރިޒަމް ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވަމުން ގެންދަވާ އެ ދާއިރާގައި އެންމެ ފުންނާބު އުސް އެއް ބޭފުޅާ ކަމަށެވެ. ދެވަނަ ދައުރުގެ އިގުތިސާދީ ތަރައްގީގެ ޕްލޭން އެކުލަވާލާއިރު ސިޔާމްގެ ހިއްސާ ބޮޑުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ, ކުރިއަށް އޮތް ދައުރުގައި ސިޔާސީ މަގުސަދެއްގައި ދެން ކުރާނެ އެއްވެސް ކަމެއް ނެތް ކަމަށާއި މަގުސަދަކަށްވާނީ މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ނިންމައި, ރައްޔިތުންނަށް އުފާންވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ. އަދި ދެވަނަ ދައުރަށްފަހު ފެންނާނީ ތަރައްގީވެފައިވާ ތަފާތު ރާއްޖެއެއް ކަމަށް ވިދާޅުވިއެވެ.