ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރުގެ ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ހަމަޖައްސައިފިއެވެ.
ޕީޕީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޑރ. މުއިއްޒު އަދި ރަނިން މޭޓު ހުސައިން މުހައްމަދު ލަތީފުގެ ތަރުޖަމާނަކަށް ތޮލާލް ހަމަޖައްސައިފައިވާ ކަމަށެވެ.
ތޮލާލަކީ ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓްގެ ގޮތުގައިވެސް ހަމަޖެއްސި ފަރާތެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ޑރ. މުއިއްޒު، އިންތިހާބުކުރެއްވީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަން (އީސީ)ން ބާތިލުކުރީ ރަނގަޅަ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފާނެތީ ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައެވެ. ސުޕްރީމް ކޯޓުން އީސީއާ އެއްކޮޅަށް މައްސަލަ ނިންމުނުން، ޔާމީން ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރައްވަން އަންގަވައިފައެވެ. ނަމަވެސް އެ ކޯލިޝަންގެ ސެނެޓުން ނިންމީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އަދި އޭގެ ފަހުން ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިހާބަށް ފޯމު ހުށަހަޅައިފައެވެ.
އެފަހުން ޔާމީން އަދި ޕީޕީއެމްގެ ލީޑާޝިޕުން ވެސް ވަނީ ޑރ. މުއިއްޒަށް ތާއިދުކުރައްވާކަން ހާމަކުރައްވައިފައެވެ.
ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަންކުރެއްވުން ކަމަށާއި އެންމެ އިސް ޒިންމާ އަދި އެންމެ އިސް މަސައްކަތަކަށް ވާނީ އެ މަސައްކަތް ކަމަށެވެ.
"އެހެންވީމާ ސިޔާސީގޮތުން ހައްޔަރުކޮށް، ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި އެމަނިކުފާނު ހައްޔަރުކޮށްފައި ހުރި ހުރުން އަޅުގަނޑުމެން ނިމުމަކަށް ގެންނާނީ އިރާދަކުރެއްވިއްޔާ ސިޔާސީގޮތުން މި ޕާޓީއަށް، މި ކޯލިޝަނަށް ބާރުވެރިކަން ހޯދައިގެން. އެއީ އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ. އަޅުގަނޑުމެންގެ ދެ ޕާޓީގެ ހުރިހާ މެންބަރުން އަދި މި ގައުމު ދެކެ ލޯބިވާ ހުރިހާ މެންބަރުންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެންމެ ފުރަތަަމަ ރިޔާސީ ޓިކެޓެއް އެރުވުނީ އެމަނިކުފާނަށް. އެއީ ދިވެހިންގެ ރައީސް. އެމަނިކުފާނަކީ މި ގައުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން ބޭނުންވާ ލީޑަރު،" އޭނާ ވިދާޅުވެފައިވެއެވެ.
މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ ޔާމީން މިނިވަންކުރުމަށް ދެ ޕާޓީގެ ލީޑާޝިޕާއި މެންބަރުން އެކިއެކި ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެމަނިކުފާނު މިނިވަން ނުކޮށް، އެންމެ ފަހުން ކެންޑިޑެސީގެ ހައްގު ވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އިދިކޮޅުން އެހެން ކެންޑިޑޭޓެއް ނެރެން ޔާމީން ނިންމެވީ ދެ ޕާޓީ މަގުމަތިވިޔަ ނުދީ، ކުރަމުންދިޔަ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު