ބްރައިޓަންގެ އެކުއެޑޯ މިޑްފީލްޑަރި މޮއިސެސް ކައިސޭޑޯ ގެންދަން ލިވަޕޫލުން ބޮޑު އަގެން ހުށަހެޅި ނަމަވެސް، އޭނާ ޗެލްސީއަށް ދާން ބޭނުންވާ ކަމަށް ބުނެ މަޑުކޮށްފިއެވެ.

ބްރިޓިޝް ރެކޯޑު 111 މިލިއަން ޕައުންޑްގެ އަގެއް ކައިސޭޑޯ ހޯދަން ލިވަޕޫލުން ރޭ ހުށަހެޅުމާ އެކު ބްރައިޓަންއިން ވަނީ އެ ބިޑަށް އެއްބަސްވެފައެވެ. ޗެލްސީން އިއްޔެ ކައިސޭޑޯ ހޯދަން 100 މިލިއަން ޕައުންޑާ ގާތްކުރާ އަގެއް ހުށަހެޅި ނަމަވެސް، ބްރައިޓަންއިން ވަނީ އެ ބިޑަށް ނޫނެކޭ ބުނެފައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ބްރައިޓަންއިން ބަލަމުން ދިޔައީ އިއްޔެގެ ނިޔަލަށް އެންމެ ބޮޑު ބިޑެއް ހުށަހަޅާ ކްލަބަކަށް ކައިސޭޑޯ ވިއްކާލުމަށެވެ. އެހެންކަމުން ލިވަޕޫލުން ޗެލްސީ ބިޑް ހައިޖެކް ކުރުމާއެކު ޑީލް ނިމުނު ކަމަށް ރޭ ވަރަށް ބޮޑަށް ބެލެވުނެވެ.

ކައިސޭޑޯ ހޯދުމުގެ މަސައްކަތް އަދިވެސް ޗެލްސީން ދޫކޮށްލާފައި ނުވާ އިރު، އޭނާ މިއަދު ލިވަޕޫލްގެ މެޑިކަލްއަށް ނުގޮސް މަޑުކުރީ ޗެލްސީގެ ބިޑަކަށް އިންތިޒާރުކުރުމަށެވެ. ބެލެވޭ ގޮތުގައި ޗެލްސީން ލިވަޕޫލުން ހުށަހެޅި އަގު މިއަދު ކައިސޭޑޯއަށް ހުށަހަޅާނެއެވެ. ޗެލްސީއަށް މިވަގުތު އޮތް އެންމެ ބޮޑު ފައިދާއަކީ ކައިސޭޑޯ އެ ކްލަބަށް ދާން ބޭނުންވުމެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ކައިސޭޑޯ މިހާރު ވަނީ ލިވަޕޫލަށް ނުދާނެ ކަމަށް ބުނެ، ބްރައިޓަންއަށް އެކަން އަންގައިފައެވެ.

އުމުރުން 21 އަހަރުގެ ކައިސޭޑޯ ގެންދަން ޕްރިމިއާ ލީގުގެ ބޮޑު ދެ ކްލަބުން ބިޑިން ވާ އަކަށް ގޮސްފައިވާ އިރު، އޭނާ 2021 ވަނަ އަހަރު ފެބްރުއަރީ މަހު ބްރައިޓަންއާ ގުޅުނީ ހަތަރު މިލިއަން ޕައުންޑްގެ އަގަކަށެވެ. ކައިސޭޑޯ ޕްރިމިއާ ލީގުގައި ފުރަތަމަ މެޗެއް ކުޅުނީ 2022 ވަނަ އަހަރު އޭޕްރީލް މަހުގައި ނަމަވެސް، ގިނަ ކްލަބުތަކަކުން ވަނީ އޭނާއަށް ޝައުގުވެރިވެފައެވެ. ރަނގަޅު އޮފާތަކެއް މި ޓްރާންސްފާ ސީޒަނުގައި ލިބުމާއެކު ކައިސޭޑޯ ވަނީ ބްރައިޓަން ދޫކޮށްލަން ރަސްމީކޮށް އެދިފައެވެ.

ލިވަޕޫލާއި ޗެލްސީންވެސް މި ސީޒަނުގެ ޓްރާންސްފާ މާކެޓްގައި ގިނަ މިޑްފީލްޑަރުންތަކެއް ފޮނުވާލާފައިވާ އިރު، މިވަގުތު މަސައްކަތް ކުރަމުން ދަނީ އެ ކުޅުންތެރިން ނެތްތަން ފޫބެއްދުމަށެވެ.